ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވަނީ މީގެ ތިން އަހަރު ކުރިން ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގައި އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ވިދާޅުވެ، ރައީސް ޔާމީނާ ގުޅުން ހުރި ވާހަކަތަކެއް ދައްކަވައިފައެވެ. އޭގެ ތެރޭގައި ލޯންޗުކޮޅު ގޮވުމުގެ ކުރިން ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން މުއާޒް ވާހަކަދެއްކެވިއެވެ.
"ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް މުއާޒް އަލީ، ހަޒާރުމާގެ / ނ. ފޮއްދޫ، އޭނާގެ އަމިއްލަ ހައިސިއްޔަތުން މީޑިއާއާ 26 ޑިސެމްބަރު 2018 ވަނަ ދުވަހުގެ ރޭ ބައްދަލުކޮށް، ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ނިސްބަތްކޮށް ދެއްކި ރޯބުހުތާނު ދޮގު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ..،" ޕީޕީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމުން ބުނީ މުއާޒުގެ އެ އަމަލާ ގުޅިގެން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އުފެދިފައިވާ ސުލޫކީ ކޮމިޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން، މައްސަލަ ބަލައި ތަހުގީގުކުރުމަށް ހުށަހެޅިފައިވާ ކަމަށެވެ.
ޕީޕީއެމުން މުއާޒުގެ އެ މައްސަލަ ބަލައި ތަހުގީގުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، މިހާރު މުއާޒަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މެމްބަރެއް ނޫންކަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވެސް އިސްތިއުފާދޭ ކަމަށް މުއާޒް ވިދާޅުވިއެވެ.