މަހިބަދޫ ކައުންސިލުން އިންތިޒާމުކޮށްގެން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ދެވަނަ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަ ޖޯލި އާއި ވާނުވާ ދަތުރުކޮށްފިއެވެ.
ވާނުވާ އިން ފައިނަލުގެ ޖާގައެއް ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގައި އެފްސީ ލަޔަންސްގެ މައްޗަށް 4-0ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ވާނުވާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު މުއާވިއަތު އާއި އަބްދުލްޝުކޫރުގެ އިތުރުން މުހައްމަދު ރިއްފަތުއެވެ. އަބްދުލްޝުކޫރު ދެ ލަނޑު ކާމިޔާބުކޮށްފައިވާ އިރު، މުއާވިއަތު އަދި ރިއްފަތު ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިއްޔެގެ މެޗުގައި ވާނުވާއަށް ދެ ލަނޑު ކާމިޔާބުކޮށްދިން އަބްދުލްޝުކޫރެވެ.
މާދަމާ ކުޅޭ ފައިނަލް މެޗުގައި ވާނުވާ ބައްދަލުކުރަން ޖެހޭނީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ދަ ޖޯލިއާ އެވެ. ޖޯލި ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖް ނިމުނު އިރު އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައެވެ.
މި މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ. އެއީ ދަ ޖޯލި، އެފްސީ ލެޖެންޑް، ލަޔަންސް އަދި ވާނުވާއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައެވެ.
މަހިބަދޫއަކީ ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ފުޓުބޯޅައިގެ ތެރެއަށް ނުކުތް ރަށެކެވެ. އޭގެ ތެރޭގައި ފީފާ ސެންޗްރީ ކްލަބުގައި ދާދި ފަހުން ހިމެނުނު 17 އަހަރު ރާއްޖޭގެ ގޯލު ބެލެހެއްޓުމަށްފަހު ރިޓަޔާކުރި ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގު އަދި އަސަދުﷲ އަބްދުﷲ ހިމެނެއެވެ.