ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންފިއެވެ.
މުއާޒް އެކަން އިއުލާންކުރެއްވީ މީގެ ތިން އަހަރުކުރިން ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގެ ތަޖުރިބާތަކެއް ހިއްސާކުރެއްވުމަށް އޭނާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
"މިހާރު އަޅުގަނޑަކީ އެއްވެސް ޕާޓީއެއްގެ މެމްބަރެއް ނޫން. މިހާރު އަޅުގަނޑަކީ މިނިވަނެއް. ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވެސް އިސްތިއުފާ ދެން،" އޭނާ ވިދާޅުވިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގައި އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. އަދި މުއާޒް ވަނީ އެދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ފެނުނު ކަންތައްތަކެއް ހިއްސާކުރައްވައިފައެވެ.
ޕީޕީއެމުން މުއާޒް ވަކިވެވަޑައިގެންނެވި ނަމަވެސް، ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ޕާޓީއާ އޭނާ ގުޅޭނެ ކަމަކަށް ނުބެލެވެއެވެ.