އިބްރާހީމް މުއާޒް އަލީ

ލޯންޗުކޮޅު ގޮވުމުގެ ކުރިން ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން މުއާޒް ވާހަކަދައްކަވައިފި

1

މީގެ ތިން އަހަރު ކުރިން ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގައި އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މުއާޒް މިރޭ ވިދާޅުވީ ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް ފަހު އެ ދަތުރުފުޅާ ގުޅޭ މައުމޫލާތު ހިއްސާކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެހެން ދުވަސްތަކާ ހިލާފަށް އެމަނިކުފާނު ބޭނުންފުޅުވީ މާލެ ވަޑައިގެން ރަސްމީ ފާލަންމަތީގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަމަށެވެ.

"ސައުދީގައި ހުންނަވާފައި ރައީސް ޔާމީން ގުޅުއްވާފައި ވިދާޅުވި ރައްޔިތުންނާ ހިއްސާކުރަން ބޭނުންވާ މުހިންމު މައުލޫމާތު ހުރިކަމަށް ވިދާޅުވި. އެއީ ސައުދީ ރަސްގެފާނު ހިއްސާކުރެއްވި ވާހަކަފުޅުތައް. ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް އެދުނު. ރަސްމީ ފާލަމަށް ހުރިހާ ނޫސްވެރިން އެތަނަށް އެއްކޮށް ދިނުމަށް ދެންނެވީ،" އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އާންމުކޮށް ރައީސް ޔާމީން އެއާޕޯޓަށް ވަޑައިގެން ވީވީއައިޕީ ލޯންޖުގައި މަޑުކުރައްވާ ކަމަށާއި ނަމަވެސް އެދުވަހު މަޑުނުކުރައްވައި ވަޑައިގެންނެވީ ލޯންޗުކޮޅަށް ކަމަށެވެ.

"އަޅުގަނޑު އޭރު ރައީސް ޔާމީން ރިސީވްކުރަން ދާން އޮތީވެސް އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަރިހުގައި. އެހެންނަމަވެސް ކުއްލިއަކަށް އަޅުގަނޑަށް ލިބުނީ ނައިބު ރައީސް އާލާސްކަންފުޅެއްގައި އުޅުއްވާ ކަމަށް. އާންމުކޮށް ރައީސް ފްލައިޓުން ފައިބާ ވަޑައިގަންނަވާފައި ވީވީއައިޕީ ލޯންޖު ތެރޭގައި މަޑުކޮށްލަވާނެ. އެހެންނަމަވެސް އެ ދުވަހު ރައީސް މަޑުކުރައްވާފައިވާ ކަމުގެ މައުލޫމާތެއް އަޅުގަނޑަކަށް ނުލިބޭ. ރައީސް ވަޑައިގެންނެވީ ލޯންޗުކޮޅުގައި،" އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ރައީސް ޔާމީން ލޯންޗުކޮޅަށް އަރައިވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު އާންމުކޮށް އިށީނދެވަޑައިގަންނަވާ ސީޓުކޮޅު ނޫން އެހެން ސީޓުކޮޅެއްގައި އިށީނދެވަޑައިގެންނެވިކަން ފާހަގަކުރެވުނު ކަމަށާއި ރައީސް ޔާމީން އާންމުކޮށް އިށީނދެވަޑައިގަންނަވާ ސީޓުކޮޅުގައި އެދުވަހު އިށީނދެވަޑައިގެންނެވީ ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ކަމަށެވެ.

"ގޮވުމަށްފަހު އަޅުގަނޑަށް ފެނުނީ ފަސްޓް ލޭޑީ އަޅުގަނޑުގެ ފައި ބުޑަށް ވެއްޓިވަޑައިގެން އޮންނެވި މަންޒަރު. އެކަމަނާގެ ބުރަކަށީގައި ވަރަށް ބޮޑު ރިހުމެއް ހުރީމަ އެކަމަނާ އެދިވަޑައިގެންނެވީ އެކަމަނާ ނުއުފުއްލެވުމަށް. އެހެންވީމަ ދަމާފަ ކަހަލަ ގޮތަކަށް އަޅުގަނޑުމެން އެކަމަނާ ބޭރަށް ނެރެން ޖެހުނީ. އޭރު އަޅުގަނޑަށް ރައީސް ޔާމީން ފެނިވަޑައެއްނުގަންނަވާ. ގިނަ ބައެއްގެ ރުއިމުގެ އަޑުވެސް އިވުނު. އިސްތަށިފުޅަށް ބުރައިގެން ގޮސްފައި ހުރި ކުނޑިކޮޅު ފޮޅުއްވާލައްވަމުން ރައީސް ނުކުމެވަޑައިގެންނެވީ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟