މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ދެވަނަ ވެޓެރަންސް ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.
މި މުބާރާތުގައި ހަތަރު ޓީމުން ވާދަކުރާއިރު، އިއްޔެ މުބާރާތް ޝަރަފްވެރިކޮށްދެއްވާފައިވަނީ އެރަށަށް އުފަން ގައުމީޓީމުގެ ކުޅުންތެރިޔާ އަދި މާޒިޔާގެ ކެޕްޓަން އަސަދުއްﷲ އަބްދުﷲ އެވެ.
"ވަން" އަށް މައުޅުމާތު ދެއްވަމުން މަހިބަދޫ ކައުންސިލްގެ ރައީސް އަހްމަދު ޚަލީލް ވިދާޅުވީ މަހިބަދޫ އަށް ޒޯން ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ޓީމުގައި ހިމެނޭ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންގެ ތެރޭގައި ހިމެނޭ ގިނަ ކުޅުންތެރިން މިމުބާރާތުގައި ކުޅޭކަމަށެވެ.
އިއްޔެ ފެށި މި މުބާރާތުގެ ފުރަތަމަ މެޗް އެފްސީ ލެޖެންޑާއި ވާދަކޮށް 2-1 އިން ލަޔަންސް ކާމިޔާބު ކޮށްފައިވާއިރު، ދެވަނަ މެޗްގައި ވާނުވާ އަދި ދަ ޖޯލި ބައްދަލު ކުރި މެޗް ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. ދަ ޖޯލިން މެޗް އެއްވަރު ކުރީ ފަހަތުން އަރައި ތިން ގޯލް ކާމިޔާބު ކޮށްގެންނެވެ.
ހަލީލް ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން މިއަހަރުގެ މުބާރާތުގައި ރެފްރީކަން ކުރަން ރަށުން ބޭރު ރެފްރީން ގެނައުމުގެ ބަދަލުގައި މި މުބާރާތުގައި ރެފްރީ ކަން ކޮށްދެމުން ދަނީ އެރަށުގެ ރެފްރީން ކަމަށެވެ. މިއަހަރުގެ މުބާރާތް ކުރިޔަށްދަނީ ބައިވެރިވި ޓީމްތަކުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކުކަން ހަލީލް ފާހަގަ ކުރެއްވިއެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ހަތަރު ޓީމަކީ ދަ ޖޯލި، އެފްސީ އެލެޖްންޑް، ލަޔަންސް އަދި ވާނުވާ އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންޓީމަކީ ދަ ޖޯލި އެވެ. މިއަހަރުގެ މުބާރާތް އިއްޔެ ފަށައިފައިވާ އިރު ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު 16:30 ގައެވެ.
މަހިބަދޫއަކީ ހުނަރުވެރި މޮޅުކުޅުންތެރިން ފުޓުބޯޅައިގެ ތެރެއަށް ނިކުތް ރަށެކެވެ. އޭގެ ތެރޭގައި ފީފާ ސެންޗްރީ ކްލަބުގައި ދާދިފަހުން ހިމެނުނު ގައުމީ ގޯލް ކީޕަރ އިމްރާން މުހައްމަދު (އިންމަ) އަދި ގައުމީޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް އަދި އަސަދުއްﷲ ހިމެނެއެވެ.