މިދިޔަ އަހަރު ނިޔާވި ސީއެޗްއެސްސީގެ ދަރިވަރު ހުސައިން ޒާން މަސްދޫގްގެ ހަނދާނުގައި އޭނާގެ އެކުވެރިން ބާއްވާ "ޒާން މެމޯރިއަލް" ކަޕް 21 ޓީމާއި އެކު މިއަދު ހެނދުނު ފަށައިފިއެވެ.
ޖުމުލަ 21 ޓީމު މި މުބާރާތުގައި ބައިވެރިވެފައިވާއިރު މި މުބާރާތު ޗެމްޕިއަން އަދި ރަނާސްއަޕް ޓީމަށް ފައިސާގެ އިނާމު ދޭން ވަނީ ނިންމައިފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ނިންމާފައިވާއިރު، އެންމެ ގިނަ ގޯލްޖަހާ ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ. މި މުބާރާތް ކުރިއަށްދާނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޒާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އިލްހާން "ވަން" އަށް ބުނީ މި މުބާރާތަކީ ޒާންގެ ހަނދާންތައް އާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށާއި، ޒާން ވަކިވެފައި ވީ ނަމަވެސް ޒާންގެ ހަނދާންތައް އާލާކުރަން ބޭނުންވާ ކަމަށެވެ.
ޒާން އާ ގުޅޭގޮތުން މައުލޫމާތު ދެމުން އޭނާގެ އެކުވެރި އިލްހާން ބުނީ ޒާން އަކީ އެކުވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ވަރަށް ރަނގަޅު ބަސްއަހާ ކުއްޖެއް ކަމަށެވެ. ކިޔެވުމަށް ވެސް މޮޅު ޒާންގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓުބޯޅަ އަދި ފުޓްސަލް ކަމަށް ވުމުން މުބާރާތް ފުޓުސަލް އަށް ހާއްސަ ކުރީ ކަމަށް އެކުވެރިޔާ ބުންޏެވެ.
ޒާންގެ އާއިލާގެ އެއްބާރުލުމާ އެކު ކުރިޔަށްދާ މި މުބާރާތް އޮންނާނީ ފްލެޓް ފުޓުސަލް ދަނޑުގައި މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހަށެވެ.