ޕީޕީއެމް އުފެއްދި މީހުން އަތުން ޕާޓީ ގެންދިޔަ ކަމަށް ބުނެ ބަޔަކު ދައްކަމުން ގެންދާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޚާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާގައި އެޕާޓީގެ ރައީސް ކަމަށް އަލަށް އިންތިޚާބެވަޑައިގަތުމަށް ފަހު، ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ، ރައީސް ޔާމީން ވަނީ ރައީސް މައުމޫނުގެ ފަޅީގައި ތިއްބެވި ޕީޕީއެމްގެ ބޭފުޅުންނަށް ނިސްބަތްކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އުފެއްދި މީހުން ތިބީ އެމަނިކުފާނު އަރިހުގައި ކަމަށެވެ. "ޕީޕީއެމް އުފެއްދި މީހުން މިއަދު މިތިއްބެވީ މިތަނުގައި. ޕާޓީ އުފައްދައިގެން އެންމެ ހަރަކާތްތެރިވި މީހުން މިތިބީ މިތަނުގައި. ބަޔަކު އުފެއްދި ޕާޓީއެއް ކަމަށް ޖަދަލުކުރާ ކުރާ ކުރުމުގައި އެއްވެސް ހަގީގަތެއް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފައިދާ ތަކެއް ލިބުނު ބަޔަކު އުޅެފާނެ ކަމަށާއި އެކަމަކު އެީ މާބޮޑު އަމަލީ މަސައްކަތެއް ކުރި ބައެއް ނޫން ކަމަށެވެ. ޕާޓީ ބޮޑުކޮށް ޕާޓީއަށް މެންބަރުން ހޯދައި ޕާޓީ އަކީ ހައިބަތު ބޮޑު އޯގަން އަކަށް ހަދަން އެވިދާޅުވާ ބޭފުޅުންނަށް ކުރެއްވުނު މަސައްކަތެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ޕާޓީގެ ފުރަތަމަ ކޮންގްރެސް އަށް ދެމަހެއްހައި ދުވަހަށް ވީ އިރު ޕާޓީގަ 4000 މީހުން ވެސް ހަމަ ނުވޭ. ޕާޓީއަށް 10000 މެންބަރުން ހަމަކުރަން އަޅުގަނޑުމެން ނުކުމެ ރަށްރަށަށް ދަތުރުކުރީ. އޭރު އަޅުގަނޑުމެން ކޮންގްރެސް ފެށީ 11000 މެންބަރުންނާ އެކު،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޕާޓީ ބޮޑުކޮށް ޕާޓީ އަށް މެންބަރުން އިތުރުކުރުމަށް ރަށްރަށަށް ކުރި ދަތުރުތަކުގައި އެވާހަކަދައްކަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިންތޯ ރައީސް ޔާމީން ވަނީ ރޭގެ ޖަލްސާގައި ސުވާލުކުރައްވައިފަ އެވެ.