އެމްއާރްއެމް

ޓިކެޓް ދިނުމާ ގުޅޭގޮތުން އެމްއާރުއެމްއިން 30 އަށްވުރެ ގިނަ ފަރާތްތަކާ އިންޓަވިއުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ 30އަށްވުރެ ގިނަ މީހުންނާ އިންޓަވިއުކޮށްފިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ އެމްްއާރުއެމްގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ވަކި ދާއިރާތަކެއް އަދި ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

ނަމަވެސް އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވެގެން އަމިއްލައަށް ގުޅާ ފަރާތްތަކާއި އަދި އެމްއާރުއެމްއަށް ގަބޫލުކުރެވޭ ފަދަ ގާބިލުކަންހުރި ފަރާތްތަކާ އިންޓަވިއުކުރަމުން އަންނަ ކަމަށް އަލީމް ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ މިހާތަނަށް 30 އަށްވުރެ ގިނަ ފަރާތްތަކާ އިންޓަވިއުކޮށްފައި ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުމުގައި ބޮޑަށް ބަލަނީ ދާއިރާއަށް ނިސްބަތްވާ މީހަކު ނެރުމަށް ކަމަށެވެ. އަލީމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގެ ދަށުން އެމްއާރްއެމް އަށް މަޖިލީހުގެ 17 ދާއިރާއަށް ވާދަކުރަން ފުރުސަތު ލިބޭ ކަމަށާއި އެއަށް ވުރެ އިތުރު ދާއިރާތަކަށް ނިކުންނާނެތޯ ނުވަތަން ނޫންތޯ އަދި ނިންމާފައި ނެތް ކަމަށެވެ.