ބޮލީވުޑް

ކަޕިލް ޝަރްމާގެ ފަރާތުން ދީޕްވީރުއަށް ދިން ސަޕްރައިޒް

މަގުބޫލު ކޮމީޑިއަން އަދި ބަތަލު ކަޕިލް ޝަރްމާ ކައިވެނި ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ގިނަ ދުވަހު ރައްޓެހި ވެގެން އުޅުނު ގިނީ ޗަތްރަތްއާ ކައިވެނި ކުރުމަށްފަހު ކަޕިލް މިވަނީ ދެވަނަ ރިސެޕްޝަނެއް ފިލްމު އިންޑަސްޓްރީއަށް ހާއްސަކޮށް ބާއްވައިފައެވެ. އެ ހަފުލާގައި ކަޕިލް ވަނީ މިދިޔަ މަހު ކައިވެނި ކުރި ރަންވީރު ސިންގް އަދި ދީޕިކާ ޕަޑުކޯން (ދީޕްވީރު)އަށް ހާއްސަ ސަޕްރައިޒެއް ގޮތުގައި ކޭކެއް ދީފައެވެ.

މި ކޭކު ވެގެން ގޮސްފައި ވަނީ ކައިވެންޏަށް ފަހު ދީޕްވީރު ފެޅި ފުރުތަމަ ކޭކަށެވެ.

އިންސްޓަގްރާމުގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކަޕިލް ވަނީ ދީޕްވީރުއަށް ކޭކު ފެޅުމަށް ދައުވަތު ދީފައެވެ. ދީޕްވީރުވެސް ފެންނަނީ ވަރަށް ސަޕްރައިޒްކޮށް އުފާވެފައި ތިއްބައެވެ. އަދި ރަންވީރު ވަނީ ކަޕިލްއަށް ޝުކުރު އަދާކޮށްފައެވެ. ކޭކު ފެޅުމަށް ދީޕްވީރުގެ އިތުރުން ކަޕިލްގެ ދެމަފިރިންނާއި އޭނާގެ މަންމަވެސް ބައިވެރިވާތަން ފެނެއެވެ.

ދީޕްވީރު ކައިވެނި ކޮށްފައި ވަނީ އިޓަލީގެ ލޭކް ކޮމޯ ގައި ނޮވެމްބަރު މަހު 14 އަދި 15 ގައެވެ. މިދިޔަ މަހު ދީޕްވީރު ވަނީ މުމްބާއީގައި ރިސެޕްޝަނެއްވެސް ބާއްވާފައެވެ.