ޓެކްނޮލޮޖީ

ސްމާޓް ސްޕީކަރުން ސްޕައި ކުރާކަން އިނގޭތަ؟

މުހައްމަދު އައުޒަމް

ސްމާޓް ސްޕީކަރަކީ ފަހުގެ ޓެކްނޮލޮޖީގެ މުޅިން ތަފާތު ކުރިއެރުމެކެވެ. ފޯނުން ކޮންޓްރޯލް ކޮށްލެވޭ އަދި ސުވާލެއް ކޮށްލުމުން ޖަވާބުވެސްދޭ އެކުވެރި އާލާތެކެވެ. ސްމާޓް ސްޕީކަރުގެ ސަބަބުން އެކަނިވެރިކަންވެސް ފިލުވައިދޭނެއެވެ. މައުލޫމާތު ހޯދުމަށްވެސް އެހާމެ ފަސޭހަކަން ގެނެސްދޭ ސްމާޓް ސްޕީކަރަކީ ސްޕައިވެސް ކޮށްލާނެ ވަރުގަދަ ޑިވައިސްއެކެވެ.

ބައެއް ސްމާޓް ސްޕީކަރުތަކަކީ ދައްކާ ވާހަކަ ރެކޯޑު ކުރާނެ ޑިވައިސްތަކެކެވެ. ބައެއް ޑިވައިސްތަކުން ރިއަލްޓައިމްގައި ވާހަކަ ދައްކާއިރު އެވާހަކަދެއްކެނީ ރޮބަޓަކާ ކަން ނޭނގޭހާ ފުރިހަމަކޮށް ސްމާޓް ސްޕީކަރުން ޖަވާބު ދެއެވެ. ނަމަވެސް ދެފަރާތުން ދައްކާ ވާހަކައިގެ ރެކޯޑިން ހުރެދާނެކަން ގިނަބަޔަކަށް ނޭނގެއެވެ.

މިދިޔައަހަރު އެމެރިކާގައި ވަޅިން ހަމަލާދީ މީހަކު މަރާލި ހާދިސާއެއް ތަހުގީގު ކުރި މީހުންނަށް އެތައް ދުވަހަކު މަސައްކަތް ކޮށްގެން ވެސް ތަހުގީގަށް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ނަމަވެސް އެގޭގައި ބޭނުން ކުރަމުން ގެންދިޔަ އެމޭޒަން އެކޯ ސްމާޓް ސްޕީކަރު ވަނީ ތަހުގީގުގައި ފަހުން ބޭނުން ކޮށްފައެވެ. ކޯޓުގެ ފަނޑިޔާރުގެ އަމުރަށް އެމޭޒަންއިން ވަނީ އެ ސްޕީކަރުގެ ރެކޯޑިން ތަހުގީގު ޓީމްތަކާ ހިއްސާ ކޮށްފައެވެ. ނަމަވެސް އެމޭޒަންއިން ސްމާޓް ސްޕީކަރުގެ ރެކޯޑިން ހިއްސާކުރުމުން އެތައް ބަޔަކުވަނީ ސުވާލުކޮށްފައެވެ. އެމީހުން އިތުބާރުކޮށްގެން ގެންގުޅުނު ސްމާޓް ސްޕީކަރުގެ ރެކޯޑިން އެމޭޒަންގައި ހުންނަކަށް ފަޅާއެރީއެވެ.

އެތައްބައެއްގެ ފާޑުކިއުން އެމޭޒަންއަށް ކުރިމަތިވިއެވެ. އެމޭޒަންގެ ސްމާޓްސްޕީކަރުގެ އިތުބާރު ގިނަބައެއްގެ މެދުގައި ގެެއްލިގެން ދިޔައެވެ. އެމޭޒަންގެ އެކަންޏެއް ނޫނެވެ. އެހެން ބްރޭންޑް ތަކުގެ ސްމާޓް ސްޕީކަރުތަކުގެވެސް މާކެޓު ދަށްވެގެން ދިޔައެވެ.

އެމެރިކާގައި މިދިޔަ އަހަރު ދެމިލިޔަން މީހުންގެ ސިއްރު މައުލޫމާތު ބަޔަކު ހެކްކުރުމާ ގުޅިގެން އެމެރިކާގެ އެފްބީއައިއިން ވަނީ މިބާވަތުގެ ޑިވައިސްތައް ގެންގުޅުމުގައި ސަމާލުވުމަށް އެދިފައެވެ.