ކުޅިވަރު

ދުވާފަރު ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ބާއްވައިފި

އައިދާ އަބްދުލް ހަކީމް

ދުވާފަރު ޔޫތު މޫވްމެންޓް އިން އިސްނަގައިގެން ދުވާފަރުގެ ޒުވާނުންނަށް ހާއްސަކޮށް ބާއްވަމުން އަންނަ "ދުވާފަރު ފުޓްސަލް ޗެލެންޖް"ގެ ގުރުއަތުލުން ބާއްވައިފި އެވެ.

ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާއިލް އަހްމަދު މެއިން ސްޕޮންސަރެއްގެ ގޮތުގައި ސްޕޮންސާކޮށްގެން ބާއްވާ މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުއެވެ. މި މަހުގެ 31 ވަނަ ދުވަހު ފަށާ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން، މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްރިވާ ޒުވާނެއް ކަމަށްވާ އަލީ ރަޝީދު ވިދާޅުވީ ޖުމުލަ 16 ޓީމެއް މުބާރާތުގައި ބައިވެރިވެފައިވާއިރު 5 ގްރޫޕަކަށް ޓީމްތައް ބަހާލެވިފައިވާ ކަމަށެވެ.

އެގޮތުން ގްރޫޕް "އޭ" ގައި ހިމެނޭ ޓީމްތަކަކީ ސިލްވަ ޔުނައިޑެޓް، އެފްސީ ގްރޫޕާސް އަދި ޖިއޯވެންޓޯއެވެ. ގްރޫޕް "ބީ" ގައި ހިމެނޭ ޓީމްތަކަކީ ކްލަބް ބުލޫ ސްޓްރީޓް، އެފްސީ ބާބުރު އަދި ވޮރިޔާސްއެވެ.

ގްރޫޕް "ސީ" ގައި ހިމެނޭ ޓީމްތަކަކީ އެފްސީ އިލެވަން، އިލެވެން އެޓޭކް އަދި ދުވާފަރު ޕޮލިސް ޓީމް އެވެ. ގްރޫޕް ޑީ ގައި ހިމެނޭ ޓީމްތަކަކީ ބީޗިއެންސް، ދުވާފަރު ބަނޑު ޓީމް އަދި ކުޑަ ޕާކެވެ. ގްރޫޕް "އީ" ގައި ހިމެނޭ ޓީމްތަކަކީ ޑާކް ޕާކް، ސިލްވާ ސްޓާ، އެފްސީ ސަންސެޓް، އަދި ޓީމް ލޮކް ޑައުންނެވެ.

މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޑާކް ޕާކް އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޑާކް ޕާކް އަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވެސް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވެއެވެ. މި އަހަރު ދޭން ނިންމާފައިވާ އަދަދު އަދި ފައިނަލް ނުވާ ކަމަށް އަލީރަޝީދު ވިދާޅުވި އެވެ.

މިމުބާރާތަށް އެކި އެކި ގޮތް ގޮތުން ސްޕޮންސާ ލިބިފައިވާއިރު، ހުރިހާ ފަރާތްތަކަށް ވެސް މުބާރާތް އިންތިޒާމު ކުރާ ދުވާފަރު ޔޫތު މޫވްމެންޓްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.