ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީގެ 40 ވަރަކަށް މުވައްޒަފުންގެ ވަޒީފާ ގެއްލެނީ

މުހައްމަދު އައުޒަމް

1

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލި، "ސިވިލް ސާވިސްގެ މުވައްޒަފުންގެ ވަޒީފާ އިން ވަކިކުރާ އުސޫލު" ގެ ސަބަބުން ހައުސިން މިނިސްޓްރީގެ 40 ވަރަކަށް މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ބުނެފިއެވެ.

އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ "ވަން އޮންލައިން" ގެ ނޫސްވެރިންނާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ ނަމަށް ބަދަލުކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި އާ މިނިސްޓްރީއެއް ރައީސް ސޯލިހު ވަނީ އުފައްދަވައިފައެވެ. އެއާއެކު ހައުސިން މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ބައެއް މުވައްޒަފުން ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މުވައްޒަފުން ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރަނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ.

ވަން އޮންލައިނަށް މައުލޫމާތު ހިއްސާކުރި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބުނީ ސިވިލް ސާވިސް ކޮމިޝަނުން އަލަށް އެކުލަވާލި އުސޫލުގައި ނުހިމެނޭ ރޭންކުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާ އިން ވަކިވާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ 40 ވަރަކަށް މުވައްޒަފުން މިހާރު ތިބި ރޭންކު އެ އުސޫލުގައި ހިމެނިފައިނުވާ ކަމަށާއި އެހެންކަމުން އެ އެންމެންގެ ވަޒީފާ ގެއްލޭ ކަމަށް އެ މުވައްޒަފުން ބުންޏެވެ.

"ހައުސިން މިނިސްޓްރީގެ 40 ވަރަކަށް މުވައްޒަފުންގެ ވަޒީފާ ގެއްލޭ. އަޅުގަނޑުމެންގެ ތެރޭގައި މި ހިމެނެނީ 20 އަހަރު، 12 އަހަރު، މި ދެންނެވި މުއްދަތަށް މެދުނުކެނޑި ވަޒީފާގައި ޚިދުމަތް ކުރަމުން އަންނަ މީހުން. އެ ދިގު މުއްދަތުގައި އަޅުގަނޑުމެންނަށް ލިބުނު ތަޖުރިބާ އެއްވެސް އެއްޗަކަށް ނުވަނީތޯ،" ވަން އޮންލައިނަށް މައުލޫމާތު ހިއްސާކުރި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކިޔައިދިނެވެ.

އެ މުވައްޒަފުން ބުނީ އެހާ ދިގު މުއްދަތެއްގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް، ކުއްލިއަކަށް ހަދާ އުސޫލަކުން ވަޒީފާއިން ވަކިވާނަމަ، ވަޒީފާގެ ޔަގީންކަމެއް އެއްވެސް މުވައްޒަފަކަށް ނޯންނާނެ ކަމަށެވެ.

"ކޮންމެ ސަރުކާރެއް ބަދަލުވާއިރު، މިފަދަ އުސޫލެއް ހަދަންޏާ، ދެން ވަޒީފާގެ ޔަގީންކަން އޮތީ ކޮން މުވައްޒަފަކަށްތޯ. ހުރިހާ މުވައްޒަފުން އުޅެން ޖެހެނީ ވަޒީފާގެ ބިރުވެރިކަމުގައި ނޫންތޯ. ދެން ކިހިނެއްތޯ އެފަދަ ބިރުވެރިކަމެއްގައި ތިބެގެން ރަނގަޅަށް މަސައްކަތް ކުރާނީ. މިއަދު ޑިގްރީއެއް ހަދައިގެން މިތަނުގެ ވަޒީފާއަށް އަންނަ މީހަކަށް، އަޅުގަނޑުމެން ވަޒީފާގެ މަސައްކަތްތައް ކުރާ ފެންވަރަކަށް މަސައްކަތެއް ނުކުރެވޭނެ. އެ ތަޖުރިބާ ނުހުންނާނެ،" ވަން އޮންލައިނަށް މައުލޫމާތު ހިއްސާކުރި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކިޔައިދިނެވެ.

އެ މުވައްޒަފުން ބުނިގޮތުގައި އެމީހުން ވަޒީފާ އިން ކަނޑާލުމަށްފަހު، އަލަށް ބަޔަކު ވަޒީފާއަށް ނެރުނު ކަމުގައި ވިޔަސް މިނިސްޓްރީގެ މަސައްކަތްތަކަށް ކުރިއެރުން ލިބުމުގެ ބަދަލުގައި ދާނީ ފަހަތަށެވެ. ސަބަބަކީ އަލަށް ވަޒީފާއަށް ނެރޭ މީހުންނަކީ އެއްވެސް ތަޖުރިބާއެއް ނެތް ބައެއް ކަމުގައި ވާތީ، އެމީހުން ތަޖުރިބާ ހޯދަން ގިނަ ދުވަސްތަކެއް ނަގާނެތީއެވެ.

"އިލްމުގެ އިތުރަށް ހިލްމު އެބަ ބޭނުންވޭނޫންތޯ ވަޒީފާގެ މާހައުލުގައި. އެހެންވީމަ ކުއްލިއަކަށް، ތަޖުރިބާ ހުރި އެތައް މުވައްޒަފުންނެއް ވަޒީފާއިން ކަނޑައިލުމަކީ މިނިސްޓްރީގެ މަސައްކަތްތައް އެތައް ގުނައަކަށް ފަހަތަށްދާނެ ކަމެއް. އެކަމުގެ ނަތީޖާއަކަށް ވާނީ ހައުސިން މިނިސްޓްރީގެ ދާއިރާއިން ސަރުކާރުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުވުން އެތައް ގުނައަކަށް ފަހަތަށް ޖެހިގެންދިޔުން،" ވަން އޮންލައިނަށް މައުލޫމާތު ހިއްސާކުރި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކިޔައިދިނެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލި އެ އުސޫލު އުވާލައި، އެ މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދިނުމަށް ހައުސިން މިނިސްޓްރީގެ އެ މުވައްޒަފުން ވަނީ ގޮވާލައިފައެވެ.

"ސިވިލް ސާވިސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް އަޅުގަނޑުމެން މި ގޮވާލަނީ އަޅުގަނޑުމެންގެ ވަޒީފާ ގެއްލޭގޮތަށް އެކަށައަޅާފައިވާ އެ އުސޫލު މިހާރުން މިހާރަށް އުވާލާށޭ. އަދި އަޅުގަނޑުމެންނަށް ވަޒީފާގެ ފުރިހަމަ ޔަގީންކަން ދެއްވާށޭ،" ވަން އޮންލައިނަށް މައުލޫމާތު ހިއްސާކުރި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކިޔައިދިނެވެ.

މި ކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވީ މީގެ ދެދުވަހެއް ކުރީން ވެސް ސިވިލް ސާވިސްގެ ބޭފުޅުންނާ އެކު މިނިސްޓްރީގެ ކަންކަމާ މެދު މަޝްވަރާ ކުރެއްވި ކަމަށާއި އެފަދަ އެއްވެސް އިޝާރާތެއް ވެސް އެބޭފުޅުން ނުކރައްވާ ކަމަށެވެ.

"އެކަމަކު މިއަދު ހެނދުނުގެ ބްރީފިންގަ އަޅުގަނޑުގެ ސަމާލުކަމަށް ތިކަން އައިސްފި. މައްސަލައަށް ހައްލެއް ލިބޭތޯ ސިވިލް ސާވިސްއާ އެކު އަޅުގަނޑު މަސައްކަތް ކުރާނަން." އާތިފާ ވިދާޅުވި އެވެ.

މި ކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސަށް ގުޅުމުން ފޯނެއް ނުގަންނަގަވަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟