އިއްޔެ ބޭއްވި ޕީޕީއެމްގެ ކޮންގްރެސްއަކީ ކަނޑައެޅިގެން ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އިންތިހާބުތަކާ ބެހޭ ގަވާއިދާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އެ ނިންމުންތައް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގައި ހިމެނޭ ތިން މެންބަރުން އަދި މިހާރު އެމްއާރްއެމްއާއެކު މަސައްކަތްކުރައްވާ އަހްމަދު ޝުޖާއުއާއި އިބްރާހިމް އަފްރާތު އަދި އަލީ ރަޝީދު ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމްއިން އިއްޔެ ބޭއްވި ކޮންގްރެސްއަކީ 2013ގައި ބޭއްވި ކޮންގްރެސްއިން އިންތިހާބުކޮށްފައިވާ އިންތިހާބީ ކޮމިޓީގެ އެއްވެސް ބައިވެރިވުމެއްނެތި ކުރިއަށްގެންދިޔަ ކޮންގްރެސްއެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީ އެތެރޭގައި ބާއްވާ އެންމެހާ އިންތިހާބުތައް ހިންގާ ބަލަހައްޓާނީ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަސާސީ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން އާންމު ގޮފިތަކާއި ޕާޓީގެ އެހެނިހެން ގުނަވަންތަކާއި އާންމު މެންބަރުންގެ ފަރާތުން ގައުމީ ޖަލްސާގައި ބަހުސް ކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ޖަލްސާގައި އެޖެންޑާ ކުރުމަށް ކައުންސިލަށް ފޮނުވުމާއި، ގައުމީ ޖަލްސާގައި ބޭއްވޭ އިންތިހާބުތަކާ ބެހޭ ގަވާއިދުގެ ދެވަނަ މާއްދާގައިވާ ގޮތުން މަގާމުތަކަށް އިންތިހާބުކުރާ މެންބަރުން ހޮވުމަކީ އިންތިހާބު ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާއިރު މިފަދަ އެއްވެސް ކަމެއްގައި އިންތިހާބު ކޮމިޓީ މެންބަރުން ބައިވެރިކޮށްފައިނުވާތީ، މިހާރު ކުރިއަށްދާ ގައުމީ ޖަލްސާ އަދި ޖަލްސާގައި މަގާމުތަކަށް އިންތިހާބުކުރާ މީހުންގެ ސައްހަ ކަމެއް ނޯންނާނެ ކަމުގައި ދެކެމެވެ..،" ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ، އެ ކޮންގްރެސްއަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކުރިއަށްގެންދާ ޖަލްސާއެއް ކަމުން ޕާޓީގެ ގިނަ ގޮފިތަކެއްގެ ރައީސުންގެ ޝަކުވާ އިންތިހާބު ކޮމިޓީއަށް ލިބިފައިވާ ކަމަށާއި ކޮންގްރެސްއަށް ފޮނުވާނެ މީހުން ގޮފިތަކުން ހޮވާފައި ނުވުމާއި ގިނަ ގޮފިތަކަށް ގައުމީ ޖަލްސާ ބާއްވާކަށް އަންގާފައިނުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ
އިއްޔެ ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އިންތިހާބުކޮށްފައެވެ. އަދި ނައިބު ރައީސުންގެ މަގާމުތަކަށް ކުރިން ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިންތިހާބުކޮށްފައެވެ. އޭގެ އިތުރުން ކައުންސިލަށް ދިހަ އަންހެން މެންބަރުންނާއި 20 އާންމު މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ.