ޖުމްހޫރީ ޕާޓީ

މިނިސްޓަރު ނަހުލާގެ ނަމުގައި ފޭކް އައިޑީއެއް ހަދައިގެން އުޅެނީ ކުރައްވާ މަސައްކަތް ހަޖަމު ނުވާތީ: ޖޭޕީ

ޝަހީދާ އަބްދުﷲ ސައީދު

6

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ނަމުގައި ފޭކް އައިޑީ ހަދައިގެން މީސް މީޑިއާގައި އެކަމަނާއަށް ފުރައްސާރަ ކުރަމުންދަނީ މަސައްކަތުގެ ބާރު ދުވެލި ފެނި ބަޔަކަށް ހަޖަމު ނުކުރެވުމުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީސް މީޑިއާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ނަމުގައި ސަރުކާރާ ދެކޮޅު ބަޔަކު ފޭކް އައިޑީއެއް ހަދައިގެން އެކަމަނާއަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވި ގޮތުގައި އެއީ ދައުލަތުގެ ވަޒީރެއްގެ ހައިސިއްޔަތުން އެކަމަނާ ރައްޔިތުންނަށް ކޮށްދެއްވަމުންދާ މަސައްކަތުގެ ދުވެލި ބާރުވެ އެކަން ހަޖަމުނުވުމުން ސަރުކާރަށް ހިޔަނިއެޅުމަށް ބަޔަކު ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އަދި އެއީ ކުޑަދުވަސްކޮޅެއްގެ ކުރިން ފެށިގެން ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރައްވައި އަލީ ސޯލިހު ވިދާޅުވީ މިނިސްޓަރު ނަހުލާއަކީ ސަރުކާރުގެ އެންމެ ހިންގުންތެރި ވަޒީރު ކަމަށާއި އެކަމަށް ބަޔަކު ހަދަސަވެރިވެގެން އުޅޭ ކަމަށެވެ.

''ފޭކް އައިޑީ ހަދައިގެން މިނިސްޓަރު ނަހުލާއަށް ފުރައްސާރަކުރަނީ އެކަމަނާގެ މަސައްކަތްޕުޅު ރަނގަޅުވެ މަސައްކަތުގެ ދުވެލި ބާރުވީމަ އެކަން ހަޖަމު ނުވެގެން. މިއީ އެކަމަނާ ކުރައްވާ މަސައްކަތަށް ހަސަދަވެރިވެގެން ސަރުކާރަށް ހިޔަނިއަޅަން ހިންގާ ދަށު ދަރަޖައިގެ އަމަލެއް.'' އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ބަޔަކު ހިންގާ އެފަދަ ނޭދެވޭ އަމަލެއްގެ ސަބަބުން އެކަމަނާގެ މަސައްކަތްޕުޅުގައި އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އަދި ޒަމާނީ ޑިމޮކްރަސީއެއްގައި އެފަދަ ނާތަހުޒީބު އަމަލުތައް ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ފަރާތުން އެއަމަލު ވަރަށްބޮޑަށް ކުށްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާއަކީ ސަރުކާރުގެ ހީވާގި އެއް ވަޒީރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފާޑުކިޔުންތަކާއެކު ވެސް އެކަމަނާ ގެންދަވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟