އެންމެ 19 ރުފިޔާއަށް ވައިބާގެ ހުރިހާ ސްޓިކާއެއް ގަނެވޭނެ ޕެކޭޖެއް އުރީދޫން ތައާރަފްކޮށްފިއެވެ.
އުރީދޫއާއި ވައިބާ ގުޅިގެން ތައާރަފުކޮށްފައިވާ މި ޕެކޭޖުގައި އުރީދޫ ކަސްޓަމަރުން 19 ރުފިޔާއަށް ސަބްސްކްރައިބް ކޮށްލައިގެން ވައިބާ ސްޓިކާ މާކެޓުން ސްޓިކާ ގަތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް މި ހިދުމަތް ތައާރަފުކޮށްދެއްވަމުން މި ޕްރޮޑަކްޓްގެ ހެޑް އަހުމަދު ނުއުމާން ވިދާޅުވިއެވެ. އަދި މިހާރު ވައިބާ ސްޓިކާ މާކެޓުގައި ސްޓިކާ ޕެކެއް 1.99 ޑޮލަރަށް ލިބެން ހުރިނަމަވެސް، އުރީދޫން ތައާރަފުކުރި މި ޕެކޭޖާއެކު ކޮންމެ މަހަކު 19 ރުފިޔާއަށް އަންލިމިޓެޑްކޮށް ވައިބާ ސްޓިކާ ޕެކް ޑައުންލޯޑް ކުރެވޭނެ ކަމަށް ނުއުމާން ވިދާޅުވިއެވެ.
މި އާ ޕެކޭޖު ތައާރަފުކޮށްދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އުރީދޫން މިއަހަރު ތެރޭ ކުރިއަށްގެންދިޔަ އެކި މަސައްކަތްތަކަށް އަލިއަޅުވާލައިފައެވެ. އެގޮތުން އުރީދޫން ވަނީ ޕޯސްޓް ޕެއިޑް އަދި ޕްރީ ޕެއިޑް އާ ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ. މީގެ އިތުރުން އުރީދޫން ވަނީ "އެވީ"ގެ ނަމުގައި ޑިޖިޓަލް ކެމްޕެއިނެއް ފަށައިފައެވެ. އެއާއެކު އައްޑު ސިޓީ އަދި ލާމު އަތޮޅު ހިމެނޭގޮތަށް 20 މާކެޓަކަށް އުރީދޫ ސުޕަރނެޓް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި އުރީދޫ ކަލާ ރަންގެ އިތުރުން އުރީދޫން ވަނީ އެމޭޒަނާ ގުޅިގެން އެމޭޒަން ޕްރައިމް ވީޑިއޯގެ ހިދުމަތް އުރީދޫ ކަސްޓަމަރުންނަށް އަގުހެޔޮކޮށް ލިބޭނެ ޕެކޭޖެއްވެސް ތައާރަފުކޮށްފައެވެ.
ކުރިއަށް އުރީދޫން ކުރަން ހުރި މަސައްކަތްތަކަށް އަލިއަޅުވާލަމުން ބުނެފައިވަނީ އުރީދޫގެ ކަސްޓަމާ ކެއާ، 929 ގެ ހިދުމަތް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.