ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ލަސްވެގެންދިޔައީ ބައެއްގެ ޕްރެޝަރެއްގެ ސަބަބުން ނޫން ކަމަށާއި ކޮމިޝަންގެ މެންބަރުންނަށް ފައިސާގެ ހުށަހެޅުމެއް އައިސްފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވަނީ ޕީޕީއެމްއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ސިޓީގެ ތަފްސީލް ދެއްވައިފައެވެ. ޝަރީފް ވިދާޅުވީ ޕީޕީއެމްއިން އެދިފައިވަނީ އެ ޕާޓީގެ ކެންޑިޑޭޓަކަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެތީ، ދާއިމީ ނަތީޖާ އިއުލާންކުރަން އޮންނަ މުއްދަތުގެ ތެރެއިން ލަސް ދުވަހެއްގައި ނަތީޖާ އިއުލާން ކުރުމަށް ކަމަށެވެ.
އަޅުގަނޑުމެންނަށް ފައިސާގެ ހުށަހެޅުމެއް ނާދޭ. ފައިސާގެ ހުށަހެޅުމެއް އަޔަސް، އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން،އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް
"ނަތީޖާ އިއުލާންކުރުން ލަސްވީ، އަޅުގަނޑުމެން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން. ރޭގައި އަޅުގަނޑުމެން ވާނީ ނަތީޖާ ޝީޓްތައް އަލުން ބަލުން ޗެކްކޮށްފައި. ނަތީޖާ އިއުލާންކުރުމަށް ނުވަތަ ލަސްކުރުމަށް ޕްރެޝަރެއް ކޮށްގެންނެއް ނޫން މި މަސައްކަތްކުރަނީ،" އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފާއި މެންބަރު އަހްމަދު އަކްރަމްއާ ގުޅުވައިގެން ދެކެވޭ ރިޝްވަތުގެ ވާހަކަތަކާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ އެބޭފުޅުންނަށް އެއްވެސް ކަހަލަ ފައިސާގެ ހުށަހެޅުމެއް އައިސްފައިނުވާ ކަމަށެވެ. އަދި ކޮމިޝަންގެ މެންބަރުންނަށް އިންޒާރުތައް ލިބެމުންދާކަން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފައިސާގެ ހުށަހެޅުމެއް ނާދޭ. އެކަހަލަ ހުށަހެޅުމެއް އައި ކަމަށްވިޔަސް، އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. ފޯނުގެ ޒަރިއްޔާއިންނާއި ވައިބާ އަދި ޓުވިޓާ މެދުވެރިކޮށް ކޮމިޝަންގެ ފަސް މެންބަރުންނަށް ވެސް ތަފާތު އިންޒާރުތައް ލިބެމުންދޭ. ފުރާނައަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުތައް ދެމުންދޭ. ނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރީ ބިރުވެރި ކަމެއްގެ ތެރޭގައެއް ނޫން. އަޅުގަނޑުމެންނަށް ސަލާމަތީ ބާރުތަކުން ވަނީ ސެކިއުރިޓީ ހަމަޖައްސައިދީފަ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންތަކަށް ކޮށްފައިވާ ބޮޑެތި ތުހުމަތުތަކަށް އެއްވެސް ފިޔަވަޅެއް ކުރިން ނޭޅި ނަމަވެސް، ދާއިމީ ނަތީޖާ އިއުލާންކުރުމަށްފަހު ގާނޫނީ ގޮތުން ކޮމިޝަންގެ މެންބަރުންނަށް ލިބޭ ހައްގުތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށާއި ކޮމިޝަންގެ މެންބަރުން މަސައްކަތްކުރީ ގާނޫނީ އިމުގެ ތެރެއިން އެބޭފުޅުން މަސައްކަތްތައް ފުރިހަމަކުރުމަށް ކަމަށެވެ.