ރިޔާސީ އިންތިހާބު

ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ޝަކުވާއެއް ނެތް ކަމަށް ވަނީ ނިންމާފައި: ޝަރީފް

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ޝަކުވާއެއް ނެތް ކަމަށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިހާބަށްފަހު މިމަހުގެ 27އާ ހަމައަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ރީރެޖިސްޓްރޭޝަންގެ މައްސަލަތަކާއި، ވޯޓަށް ނުފޫޒު ފޯރުވުމުގެ މައްސަލަތަކާއި، ވޯޓިން ބޫތާ ގުޅޭ މައްސަލަތަކާއި، ވޯޓިން ބޫތު ތެރެއަށް އަތްދަބަސް ވެއްދުމުގެ މައްސަލަތަކާއި، އޮފިޝަލުން އިތުރު ވޯޓާސް ލިސްޓެއް ގެންގުޅޭ މައްސަލަތަކާއި، ޔޫވީ ލައިޓުގެ މައްސަލަތަކާއި، ބާތިލް ވޯޓުގެ މައްސަލަތަކާއި، ވޯޓު ގުނުމުގެ މައްސަލަތަކާއި، ވޯޓު ކަރުދާހުގެ މައްސަލަތަކާއި، އޮފިޝަލުންނާއި އޮބްޒާވަރުންގެ މައްސަލަތަކާއި، ނަން ނެތި ވޯޓުލީ މައްސަލައެއް އަދި ރިޝްވަތު ދިނުމުގެ ޝަކުވާތައް ވެސް ހުށަހެޅިފައިވާ ކަމަށެވެ.

"މި ޝަކުވާތައް ބެލުމަށްފަހު އަޅުގަނޑުމެން ވާނީ ތަހުގީގު ކުރިއަށް ގެންދަން ނިންމާފައި. ޝަކުވާގެ ޒާތުގައި އެ ޝަކުވާތަކަކީ ނަތީޖާ ބަދަލުވާނެ ފަދަ މައްސަލަތަކެއް ނޫންކަން ކޮމްޕްލެއިންޓްސް ބިއުރޯއިން ވަނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްވެފައިވަނީ ވަކި ފަރާތެއްގެ ނުފޫޒަކުން ނޫން ކަމަށާއި އެކަމަށް ލަސްކަމެއް އައިސްފައިވަނީ ކޮމިޝަނުގެ ފަރާތުން ބަލަންޖެހޭ ކަންކަން ބަލަން ޖެހުމުން ކަމަށެވެ. އަދި މިއަދު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ނިންމީ ރޭގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި ދާއިމީ ނަތީޖާ ވެސް ވަނީ އިއުލާންކޮށްފައެވެ. ދާއިމީ ނަތީޖާގައި އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.