ޝަހީދާ އަބްދުﷲ ސައީދު
އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބުގައި ރަށްރަށުންނާއި އަތޮޅުތަކުންނާއި ސިޓީތަކުން ފޯކަލް ޕޮއިންޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފި އެވެ.
އީސީން ބުނީ އެ މަމަސައްކަތަށް ހޮވޭ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާ ލިބޭނެ ކަމަށާއި ކަނޑައެޅިފައިވާ އުސޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު 150 ރުފިޔާ ދެވޭނެ ކަމަށެވެ.
ފޯކަލް ޕޮއިންޓުންގެ ޝަރުތުތަކުގެ ތެރޭގައި ރަށު ކައުންސިލް ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައި ވާން ޖެހެއެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން ހަވާލުކުރާ އިންތިހާބާ ބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާ ހުރި މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް އިލެކްޝަަނުން ބުނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަގާމެއް ފުރާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އިންތިހާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކު ކަމުގައި ނުވުމާއި އަދި އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިހާބީ އެޖެންޓެއް ކަމުގައި ނުވުމާއި ސިޔާސީ ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ވެއެވެ.
ފޯކަލް ޕޮއިންޓްގެ މަސައްކަތަކީ އިންތިޚާބުގެ ކަންތައްތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، ސިޓީ، އަތޮޅު، ރަށު ކައުންސިލްގެ އިދާރާ އާއި ދެމެދު ހިންގާ ހުރިހާ މުއާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 03 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.
ފޯކަލް ޕޮއިންޓުންނަށްވުމަށް އެދި ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި އަދި އެކޮމިޝަނުގެ ވެބްސައިޓުން ވެސް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.