އޭޝިއާގެ އެންމެ މަގުބޫލު ހަތަރު ސްޕާގެ ތެރޭގައި ރާއްޖޭގެ ކޮކޯ ޝީކް ސްޕާ ހިމެނިއްޖެ އެވެ.
ލަގްޒަރީ ލައިފް ސްޓައިލް މެގަޒިންގައި ޕަބްލިޝް ކޮށްފައިވާ އާޓިކަލްގައި އޭޝިއާއިން އެންމެ ފާހަގަ ކޮށްލެވޭ ހަތަރު ސްޕާ އާއި އެ ސްޕާތަކަށް ޒިޔާރަތް ކުރަންވީ ސަބަބުތައް ހިމެނެ އެވެ. ރާއްޖޭގެ ކޮކޯ ޝީކްގެ އިތުރުން ބާލީގެ ސްޕާއަކާއި އިންޑިއާ އަދި ބޯނިއޯގެ ސްޕާއެއް ހިމެނެ އެވެ.
އެ އާޓިކަލްގައިވާ ގޮތުން މި ހަތަރު ސްޕާއަކީ އޭޝިއާގައި އެންމެ ލަގްޒަރީ އަދި އެންމެ ހިދުމަތް ރަނގަޅު ސްޕާތަކެވެ. އަދި މިއީ ހިތްހަމަ ޖައްސައިލުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެންމެ ރަނގަޅު ޗޮއިސް ކަމަށްވެސް ބުނެފައި ވެއެވެ.
ކޮކޯ ޝީކްއާ ގުޅޭ ގޮތުން އާޓިކަލްގައި ވަނީ މިތަނަކީ ވަރަށްވެސް ހިތްގައިމު ތަނެއް ކަމަށާއި ސްޕާއަކުން ލިބެން ޖެހޭ އެންމެ ފުރިހަމަ ހިދުމަތްތައް އެތަނުން ލިބިގެންދާނެ ކަމަށެވެ.
އެގޮތުން މޭކަޕާއި އިސްތަށިގަނޑު ރީތި ކުރުމާއި ޓްރީޓްމެންޓަށް ސެލޫނާއި ބިއުޓީ ޓްރީޓްމެންޓްގެ އެކި ހިދުމަތްތަކާއި ފޭޝިއަލްގެ ހިދުމަތްތައް ލިބިގެންދާ ކްލިނިކެއްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އާޓިކަލްގައި ވަނީ ބިޒީކޮށް އުޅެމުން ހިތްހަމަ ޖައްސައިލަން ބޭނުން ނަމަ ކޮކޯ ޝީކް އަކީ ސުވަރުގެއެއް ފަދަ ރީތި ތަނެއް ކަމަށް ސިފަކޮށްފައެވެ. އަދި ރީތީގެ ހުރިހާ ކަމެއް އެއްތަނަކުން ބަލައިލަން ކޮކޯ ޗިކް ވަރަށްވެސް ހިތްގައިމު ކަމަށެވެ.