ޝަހީދާ އަބްދުﷲ ސައީދު
މާލެ ސަރަހައްދުގެ ތަރައްގީގެ ޒޯން ފުރިހަމަ ކުރެވޭނީ ވިލިމާލެއަށް ތަރައްގީ ފޯރައިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލު ވިދާޅުވީ މާލެ ސަރަހައްދަށް އައިސްފައިވާ ތަރައްގީ ވިލިނގިލިން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިލިނގިލީގެ ރައްޔިތުންނަށް ފާއިތުވެ ދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
''ވިލިމާލެއިން އަޅުގަނޑަށް ސިފަކުރެވުނީ މާލެ ހުޅުމާލެއަށް ބަލާއިރު ވަރަށް ބޮޑަށް އިހުމާލުވެފައި އޮތްތަން. އެޝަކުވާ ރައްޔިތުންގެ ވެސް އެބައޮތް. މި ސަރަހައްދުގެ ތަރައްގީގެ ޒޯން ފުރިހަމަކޮށްލެވޭނީ ވިލިމާލެއަށް ތަރައްގީ ފޯރައިގެން.'' ޑރ. ޖަމީލު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ވެސް ލިބިދޭން ޖެހޭ އަސާސީ ހިދުމަތްތައް މާލެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ތަފާތު ކަމަށެވެ.
އެގޮތުން މާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުވެސް ބުރިޖަކުން ގުޅާލުމަކީ ސަރަހައްދުގެ ޒޯން ފުރިހަމަވެގެންދާނެ ކަމެއް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
އަދި ރަށު ތެރެއަށް ބަލާއިރުވެސް އަތޮޅުތަކުގެ އެންމެ އާދައިގެ ރައްޔިތުންނަށް ލިބޭ ހިދުމަތްވެސް ވިލިމާލޭގެ ރައްޔިތުންނަށް ނުލިބޭކަމަށް ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެ އަވަށް އަދިވެސް އޮތީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ތަރައްގީކުރި ގޮތަށެވެ. އަދި އެއީ އެއްވެސް ހަމައެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދުގެ ތަރައްގީގެ މިންގަނޑު އެއް ހަމައަކުން މިނާލެވެން ޖެހޭނެ ކަމަށެވެ.