ބޮލީވުޑް

އަނިލް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމުގެ ލީޑް ރޯލުން ފެންނާނީ ދަރިފުޅު ސޯނަމް

ބޮލީވުޑްގެ ތަރި އަނިލް ކަޕޫރު އަމިއްލައަށް ފިލްމެއް ޑައިރެކްޓް ކުރާ ކަމުގައި ވާނަމަ އެ ފިލްމްގެ ލީޑް ރޯލުގައި ބަތަލާގެ ބައިން ފެންނާނީ އޭނާގެ ދަރި ސޯނަމް ކަޕޫރު ކަމަށް ބުނެފިއެވެ.

ހޯމަ ދުވަހު 63 އަހަރު ފުރުނު އަނިލް މިހެން ބުނެފައި ވަނީ މިހާރު ރިލީސްކުރަން އުޅޭ ފިލްމް "އެކް ލަޅްކީ ކޯ ދޭކާތޯ އޭސާ ލަގާ" ގެ ފުރަތަމަ ލުކް ދައްކާލުމަށް ބޭއްވި ހަފުލާގައެވެ. ހޯމަ ދުވަހު މުމްބާއީގައި ބޭއްވި އެ ހަފްލާގައި ފިލްމުގައި އަނިލްއާ އެކީ ފެނިގެންދާ ތަރިން ކަމުގައިވާ ސޯނަމް ކަޕޫރު އާއި ޖޫހީ ޗައުލާ، ރާޖް ކުމާރު ރާއޯ އަދި ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާ ވެސް ބައިވެރިވިއެވެ.

މި ފިލްމު ވެގެންދާނީ އަނިލް އަދި ސޯނަމް އެކީ ކުޅޭ ފުރަަތަމަ ފިލްމަށެެވެ. ފިލްމުގައިވެސް ސޯނަމް އަކީ އަނިލްގެ ދަރިއެވެ.

ހަފްލާގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އަނިލް ބުނީ ސޯނަމްއާ އެކީ މަސައްކަތް ކުރުން ވެގެން ގޮސްފައި ވަނީ ވަރަށް ހިތްހަމަޖެހޭ އެކްސްޕީރިއެންސަކަށް ކަމަށެވެ. ސޯނަމް އަކީ މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރަމުން އަނިލް ބުނީ އޮން ސްކްރީން އަދި އޮފް ސްކްރީންގައި ސޯނަމް ފެނިގެން ދަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައި ކަމަށާއި އެއީ މޮޅު އެކްޓަރުންގެ ގޮތެއް ކަމަށެވެ.

އަނިލް ވަނީ ފިލްމުގެ ފުރަތަމަ ލުކްގެ ޕޯސްޓަރު އޭނާގެ އިންސްޓަގްރާމުގައިވެސް ހިއްސާކޮށްފައެވެ. އެ ޕޯސްޓަރުންވެސް ފެނިގެން ދަނީ އަނިލްއާ އެކު ސޯނަމް އެވެ. ޕޯސްޓަރު ހިއްސާ ކުރަމުން އަނިލްގެ ކެޕްޝަނުގައި ވާގޮތުގައި އޭނާގެ އުފަންދުވަހު އެ ޖާނީ ދަރި ސޯނަމްއާ އެކު ފަށަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ސޯނަމް ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް މީގެ ކުރިންވެސް ކުޅެފައެވެ. އޭގެ ތެރޭގައި "ނީރްޖާ"، "އައިޝާ"، "ޚޫބްސޫރަތް" އަދި "ވީރޭ ދި ވެޑިން" ހިމެނެއެވެ.

އެކް ލަޅްކީ ކޯ ދޭކާތޯ އޭސާ ލަގާ އަކީ ލޯބީގެ ކޮމެޑީ ފިލްމެކެވެ. ފިލްމް ޑައިރެކްޓް ކުރަނީ ޝެލީ ޗޯޕްރާ ދާރު އެވެ. ފިލްމް ރިލީސް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ފެބްރުއަރީ އެކެއްގައެވެ.