މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ދާއިމީ ނަތީޖާ އިއުލާންކުރި އިރު، ވަގުތީ ނަތީޖާއެކޭ އެއްގޮތަށް ކުރި ހޯއްދަވާފައިވަނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
ދާއިމީ ނަތީޖާގައި އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިބޫއަށް ޖުމްލަ 134,616 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ. އެހެންކަމުން ދާއިމީ ނަތީޖާއާއި ވަގުތީ ނަތީޖާއާ މާ ބޮޑު ފަރަގެއް ނެތެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާއާ އުޅެނީ 80 ވޯޓުގެ ތަފާތެއް ކަމަށާއި އެއީ ނަތީޖާ ޝީޓު މެނުއަލްކޮށް އެންޓާ ކުރުމުން ދިމާވި މައްސަލައެއް ކަމަށެވެ. އަދި ފޮށީގެ އަސްލު ނަތީޖާ ޝީޓާއި އެންޓްރީ ރަނގަޅަށް ބެލުމުން އެ ތަފާތުތައް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދާއިމީ ނަތީޖާ އިއުލާންކޮށްފައިވަނީ ވަގުތީ ނަތީޖާއަށްފަހު ހުށަހެޅުނު މައްސަލަތަކަކީ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ މައްސަލަތަކެއް ނޫން ކަމަށް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމުމާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ދާއިމީ ނަތީޖާ އިއުލާންކުރުމަށްފަހު ވެސް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން 14 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ.