ޕީއެސްއެމް

ޕީއެސްއެމްގެ އެމްޑީ ކަމަށް އަލީ ޚާލިދު އައްޔަން ކުރައްވައިފި

1

ޕީއެސްއެމްގެ މެނޭޖިންގް ޑައިރެކްޓަރު ކަމަށް އަލީ ޚާލިދު އައްޔަން ކުރައްވައިފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރީން އަލީ ޚާލިދު ވަނީ "ވަން އޮންލައިން"އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އަލީ ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަން ކުރައްވައިފައި ވަނީ މިއަދު އެވެ.

އަލީ ވަން އަށް ވިދާޅުވީ ޕީއެސްއެމްގެ މަސައްކަތް ރައްޔިތުންގެ އިތުބާރު ލިބޭނެ މަގަށް ބައްޓަން ކުރައްވަން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޕީއެސްއެމުން ޕަބްލިކް ސާވިސް މީޑިއާއެއްގެ ދައުރު އަދާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ މި ތަނަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުން. މިހާރު މި ވަނީ ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައި. ހަމަ އެއާއެކު ޕަބްލިކް ސާވިސް މީޑިއާއެއްގެ ދައުރު އަދާކުރުމުގެ މަގަށް ކަންކަން ގެންދިއުމަށް އަޅުގަނޑު އިސްކަން ދޭނަން." އަލީ ވަން އޮންލައިން އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަނުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާ އިރު މުވައްޒަފުން ބިނާ ކުރުމާއި މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކާއި ތަމްރީނުތައް ރަނގަޅުކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަލީ ޚާލިދު ވަނީ 2006 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ޓީވީއެމްގެ ސީއީއޯކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟