ޕޮލިސް

ޖިނާހަށް އަލުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމާއި 2.8 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފި

ފުލުހުންގެ ވަޒީފާއިން ވަކިކުރި މުހައްމަދު ޖިނާހަށް ކުރިން އޭނާ އަދާކުރަމުންދިޔަ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމާއި މަގާމުން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރައާއި އިނާޔާތްތަކުގެ ގޮތުގައި ދޭން ޖެހޭ 2.8 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ޖިނާހު ވަޒީފާއިން ވަކިކޮށްފައިވަނީ 7 ފެބްރުއަރީ 2012ގައި ސަރުކާރަށް އައި ބަދަލާއެކު ފުލުހުންގެ އިދާރާއިން މައްސަލަތައް ބަލާ ބޯޑު ބަދަލުކޮށް ހިންގާފައިވާ ތަހުގީގެއްގެ މައުލޫމާތު މީޑިއާއަށް ހާމަކޮށްފައިވާ ގޮތާމެދު ކުރެވުނު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް 10 ޖެނުއަރީ 2013 ވަނަ ދުވަހުއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަގާމު ވެސް ދަށްކުރުމަށްފަހުއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖިނާހު ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ދޭ ދުވަހާ ހަމައަށް ލިބެންޖެހޭ މަގާމުގެ ކުރިއެރުން ދިނުމަށް ދައުލަތުން އެއްބަސްވެ، ދައުވާ ލިބޭ ޖިނާހާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާތީ އޭނާގެ މަގާމު ދަށްކުރި އިރު އޭނާ ހުރި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ރުޖޫއަކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގާ ކަމަށެވެ.

އަދި 20 އޮކްޓޯބަރު 2012 އިން ފެށިގެން މިއަދުގެ ނިޔަލަށް ޖިނާހު ވަޒީފާއިން ދަށްކުރުމާއި ވަކިކުރި ފަހުން ހޭދަވި މުއްދަތުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 2،809،024.74 (ދެ މިލިއަން އަށްލައްކަ ނުވަ ހާސް ސައުވީސް ރުފިޔާ ހަތްދިހަ ހަތަރު ލާރި) މިއަދުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ ވަރަށްވުރެ މަދުނޫން އަދަދެއް ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.