ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ، މިއަހަރުގެ އެވޯޑްސްގެ ފަސް ކެޓަގަރީއަކަށް ގައުމީ އެއާލައިން މޯލްޑިވިއަން ނޮމިނޭޓްވެއްޖެއެވެ.
މޯލްޑިވިއަންްއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. މޯލްޑިވިއަންއަށް ވޯޓު ދިނުމަށް https://www.worldtravelawards.com/vote ލިންކު ބޭނުން ކުރުމަށް މޯލްޑިވިއަންއިން ވަނީ އެދިފައެވެ. ވޯޓު ދިނުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 22 ވަނަ ދުވަހެވެ.
ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރުން ފެށިގެން ދޭން ފެށި މި އެވޯޑްގެ މަގުސަދަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަ ކާމިޔާބީތައް ހާސިލުކުރާ ފަރާތްތައް ފާހަގަކުރުމެވެ. އެގޮތުން ވޯލްޑް ޓްރެވަލްސް އެވޯޑް ވެގެން ގޮސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ އެވޯޑުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބަލައިގަންނަ އެވޯޑަށެވެ.