ރައްޔިތުންގެ މަޖިލިސް

ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ގަރާރު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ވެސް

މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.

މި ގަރާރުގައި ބުނެފައި ވަނީ، 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ރާއްޖެ އަބަދުވެސް ގަބޫލު ކުރާ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ، އެ ބިންތަކަށް ވެރި ވުމަކީ ފަލަސްތީނާއި އިޒްރޭލް ސުލްހަވެ، ވަކި ދެ ދައުލަތެއް ގާއިމް ކުރަން ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުމެއްނެތް ގޮތުގައި ތަކުރާރު ވަމުން ދިއުމަކީ އިންސާނީ ކަރާމާތާއި، އިންސާނީ ޝަރަފް ނަގާލުން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެއީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފް އަމަލުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ރައްޔިތުން ތިބީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަން ރައްޔިތުންގެ މަޖިލީހުން ހާމަ ކުރުމަކީ ފަލަސްތީނުގެ ބިންތައް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްތީނުގެ މިނިވަންކަމާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކާއި، ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގެންދާނެ މުހިއްމު ކަމެއް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.