ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗްއާރުސީއެމްގެ ނައިބު ރައީސް ޒާހިދާއި މެންބަރު މޫސާ އަލި ކަލޭފާނު ވަކިކުރަން މަޖިލިސް ތަޅުމަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި، އެ ކޮމިޝަންގެ މެންބަރު މޫސާ އަލީ ކަލޭފާނު، ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކި ކުރަން އެދި އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ، އެ ދެބޭފުޅުން ވަކިކުރަން ކޮމިޓީން ފާސްކުރީ، ކޮމިޓީގެ ބެލުންތަކުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު އަދާކުރުމުގެ ގާބިލުކަން އެ ދެބޭފުޅުންގެ ކިބައިގައި ނެތްކަމަށް ފާހަގަ ކުރެވޭތީ ކަމަަށެވެ.

އެހެންކަމުން މުހައްމަދު ޒާހިދާއި މޫސާ އަލީ ކަލޭފާނު ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމާ ގުޅޭގޮތުން މަޖިލީހަށް ފެންނަ ގޮތެއް ނިންމެވުމަށްޓަކައި އެ ރިޕޯޓް މަޖިލީހަށް ހުށަހެޅީކަމަށް ވެސް ބުނެފައި ވެއެވެ.

އެބޭފުޅުންގެ ގާބިލްކަން ނެތް ކަމަށް ކޮމިޓީ ރިޕޯޓްގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދީފައިވުމާއި، ޔާމީން ރާޝީދުގެ މަރުގެ މައްސަލައިގެ ޝަރުއީ މަރުހަލާގައި ކޮމިޝަނުގެ ދައުރާ ގުޅޭ ގޮތުން ހަގީގަތް އޮޅުވައިޅުމާއި، ޔާމީން ރަޝީދުގެ މައްސަލައިގައި، އޭނާއަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ފުލުހުން ނުބެލި މައްސަލަ ބެލުމުގައި އިހުމާލު ވުމާއި، އެ އާއިލާއާ މެދު އެ ކޮމިޝަނުން އަމަލުކުރި ގޮތާއި، މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުން ވެސް ފާހަގަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާ ''ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އަދާ ކްރުއެލް، އިން ހިޔުމެން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް'' ގެ 19 ވަނަ މާއްދާގެ ދަށުން 2018 ވަނަ އަހަރު ހުށަހަޅާފައިވާ ރިޕޯޓުގައި ބައެއް މައުލޫމާތު ހިމަނާފައި ނުވުމާއި، ކުރީގެ ޑިސޭބިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާންގެ މައްސަލަ އާއި، ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސްއެޅުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންތަކަކަށް މުވައްޒަފުންތަކެއް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ނުބަލަން ނިންމުން ހިމެނެއެވެ. އަދި އަނިޔާގެ މައްސަލަތައް ބަލަންވާ ވަރަށް ނުބެލުމާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާ ތަކާއެކު މަސައްކަތްކޮށްފައި ނުވުމާއި 2013 ވަނަ އަހަރަށް ކޮމިޝަނުން ދިރާސާކޮށް ނިންމި "ނޭޝަނަލް އިންކުއަރީ އޮން އެކްސެސް ޓު އެޑިޔުކޭ ޝަން ފޮ ޗިލްޑްރަން ވިތު ޑިސޭބިލިޓީސް" ގެ ދިރާސާ ރިޕޯޓަށް 4 އަހަރު ވީއިރު އާންމު ނުކޮށް އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އެ ރިޕޯޓަށް ވެފައިވާގޮތުގެ އެއްވެސް މައުލޫމާތެއް ހިމަނާފައި ނުވުންވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.