ބޮލީވުޑް

ޑައިރެކްޓަރ ރަޖަތު މުކަރުޖީ މަރުވެއްޖެ

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރަޖަތު މުކަރުޖީ މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވިއިރު، ރަޖަތު ދިޔައީ ސިއްހީ ގިނަ މައްސަލަތަކަކަށް ފަރުވާ ހޯދަމުންނެވެ. ރަޖަތު ވަނީ ކުރީގެ މަޝްހޫރު ފިލްމު "ޕިޔާރު ތޫނޭ ކިޔާ ކިޔާ" ޑައިރެކްޓް ކޮށްފައެވެ.

ރަޖަތު މަރުވި ހަބަރު ވަނީ އޭނާގެ ދެ އެކުވެރިން ކަމަށްވާ ޑައިރެކްޓަރު އަނުބަވް ސިންހާ އަދި ހަންސަލް މެހެތާ ކަށަވަރުކޮށްދީފައެވެ. އަނުބަވް ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އޭނާގެ އިތުރު އެކުވެރިޔަކު ދުނިޔެއާ ވަކިވީ ކަމަށެވެ. އޭނާ މަރުވިއިރު ދިޔައީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުން ކަމަށްވެސް އަނުބަވްގެ ޓުވީޓްގައި ބުނެފައިއެވެ.

ޑައިރެކްޓަރު ހަންސަލް ކުރި ޓުވީޓްގައި ބުނީ، ރަޖަތު އާއިއެކު ވަރަށް ގިނަ ހަނދާންތަކެއް ވާ ކަމަށެވެ. ބޮމްބޭގައި ވަރަށް ހާލުގައި އުޅުނު ދުވަސްތަކުގައި އެކީ ކައިހަދައި އުޅުނު ދުވަސްތައް މަތިން އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ.

މިއަހަރު މިހާތަނަށް ވަނީ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް މަރުވެފައެވެ. އޭގެތެރެގައި އިރްފާނު ހާން އާއި ރިޝީ ކަޕޫރާއި ސަރޯޖު ހާން އަދި ސުޝާންތު ހިމެނެ އެވެ.