(16 ޖުލައި ގެ އަދަދާ ގުޅޭ)
حسّان ވިދާޅުވިއެވެ. އަޅުގަނޑުމެންނަށް މުއަސްކަރަށް ދެވުމުން ކަނޑިޔާއި ދަހަނާ މަދުކަމަކަށް ކޮއްކޮއަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުމެން އީރާނު މީހުންގެ އަތުން ވަރަށްގިނަ ހަތިޔާރު އަތުލައިފީމުއެވެ. މިވަގުތު އަޅުގަނޑުމެންނަށް ރައްކާތެރިވާނީ ހަތިޔާރަކާ ނުލައި ދަތުރުކުރުމެވެ.
حسّان އާއި سُهيل އާ ދެބޭފުޅުންނަށް ހީރަތާއި ޛީގާރާ ދެމެދުގައި ހުރި މުސްލިމުންގެ މުޢަސްކަރަށް ވަޑައިގެންނެވުނީ އެއްރެއެއްގެ ރޭގަނޑުގައެވެ. حسّان އޭނާގެ ކޮއްކޮ ލަޝްކަރުގެ ޖަނަރަލެއްގެ އަރިހުގައި ބަހައްޓަވައިފައި ވަޑައިގެންނެވީ مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ފޭލިގެކޮޅާ ދިމާޔަށެވެ. ފޭލިގެކޮޅުގެ ބޭރުގައިހުރި ފާރަވެރިޔެއް އޭނާގެ އަރިހުގައި ދެންނެވިއެވެ. "ލަޝްކަރުގެ އަމީރު އަވަހާރަފުޅު ލައްޕަވައިފިއެވެ. ބޭސްވެރިޔާ އަންގަވައިފައިވަނީ އެކަލޭގެފާނުގެ އަރާމުކުރެއްވުމަށް ހުރަހެއް ނޭޅުމަށެވެ. މުހިންމުކަމެއް އޮތްކަމުގައިވާނަމަ އެކަލޭގެފާނުގެ ކޮއްކޯފުޅާ ބައްދަލުކޮށްލައްވާށެވެ. ޖެހިގެން މިހިރީ معـنّـى ގެ ފޭލިގެކޮޅެވެ." حسّان ވަޑައިގެންނެވީ އެފޭލިގެކޮޅަށެވެ. ދެމިނިޓެއްހައި އިރުކޮޅެއްގެ ތެރޭގައި އެފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ.
معـنّـى بــن حــارثـــة رضى اللّـه عنــه ތެދުވެވަޑައިގެން حسّان އާ މުސާފަހާ ކުރައްވަމުން ވިދާޅުވިއެވެ. "ކަލާ ވަޑައިގެންނެވީ ކޮންއިރަކުތޯއެވެ؟"
"އަޅުގަނޑު މިއައީ ހަމަ ދެންމެއަކުއެވެ. މިއައީ އަމީރުގެ އަރިހުގައި އަޅުގަނޑު އައިވާހަކަ ދަންނަވައިލަން ވެގެންނެވެ."
"ބޭބޭފުޅުގެ ހާލުކޮޅު ރަނގަޅެއް ނޫނެވެ. ވަރަށް މުހިންމު އަވަސް ޚަބަރެއް ގެންނެވިއްޔާ މެނުވީ ބޭބޭފުޅު އަވަހާރަފުޅުގައި އޮންނަވަނިކޮށް ދެންނެވުން ރަނގަޅެއް ނޫނެވެ."
حسّان ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ. "އެކަލޭގެފާނު އުޅުއްވަނީ އެހައިބޮޑަށް އާލާސްކަންފުޅާތޯއެވެ؟"
معـنّـى ވިދާޅުވިއެވެ. "ފާއިތުވި އެތައް ހަފްތާތަކެއްގައި މާބޮޑަށް ހަރަކާތްތެރިވެވަޑައިގެން އުޅުއްވުމުގެ ސަބަބުން ބޭބޭފުޅުގެ ޒަޚަމު ވަނީ ނުބައިވެފައެވެ. ބޭސްވެރިޔާ އަބަދުވެސް ބުނުއްވާ ގޮތުގައި ދެތިން ހަފުތާއެއް ވަންދެން އަރާމުކޮށްލައްވަނިކޮށް ބޭބޭފުޅުގެ ޒަޚަމު ފަސޭހަފުޅު ވެދާނެއެވެ. ނަމަވެސް ޖަޒީރާގެ މައްސަލަގަނޑުގެ ތެރޭގައި އަރާމުކުރައްވާނެ ވަގުތެއް ލިބިވަޑައެއް ނުގަންނަވައެވެ. މިހާރު ޒަޚަމުގެ ދިލަޔާއެކު ހުންފުޅުވެސް އެބަހުއްޓެވެ. މިއަދު ބޭސްވެރިޔާ ވަނީ ބޭބޭފުޅަށް އައު ބޭސްކޮޅެއް އަރުވައިފައެވެ. އެބޭސްކޮޅުގެ ސަބަބުން ޢިޝާނަމާދުން ނިމިވަޑައިގެންނެވުމާއެކު އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. މަދާއިނުގެ ކަންހުރިގޮތުން ކޮންމެހެން އަވަސް ފިޔަވަޅެއް އަޅާންޖެހޭފަދަ ކަމެއް އޮތްކަމުގައިވާނަމަ ބޭބޭފުޅަށް ދަންނަވައިލެވިދާނެއެވެ."
"ނޫނެކެވެ. ބޭބޭފުޅަށް ވިދާޅުވާނެކަމެއް ނެތެވެ. ކުޑަދުވަސްކޮޅެއް ވަންދެން ދުޝްމިނުންގެ ފަރާތުން އަވަސް ފިޔަވަޅެއް އަޅައިފާނެކަމުގެ އުންމީދެއް ނެތެވެ. އަޅުގަނޑު ބޭނުންވީ ހަމައެކަނި ކޮމާންޑަރ އިން ޗީފުގެ އަރިހަށް ހާޒިރުވެލާށެވެ."
"އިށީނދެވަޑައިގަންނަވާށެވެ!" معـنّـى ވިދާޅުވިއެވެ.
ވަރަށްގިނައިރުވަންދެން ދެބޭފުޅުން ވާހަކަފުޅު ދައްކަވަން ތިއްބެވިއެވެ.
އެރޭގެ އިރުއެރުމާއެކު حسّان އަށް مثــنّـى بــن حــارثـــة رضى اللّـه عنــه ގެ އަރިހަށް ހާޒިރުވެވަޑައިގެންނެވިއްޖެއެވެ. އެކަލޭގެފާނު އިންނެވީ ބާލީސްކޮޅެއްގެ އެހީގައި އިށީނދެވަޑައިގެންނެވެ. مثــنّـى އަތްޕުޅުން އިޝާރަތްކޮށްލެއްވުމުން حسّان އެކަލޭގެފާނުގެ ކުރިމަތިފުޅުގައި އިށީނދެވަޑައިގެންފިއެވެ.
مثــنّـى ސުވާލު ކުރެއްވިއެވެ. "ކަލާ ވަޑައިގެންނެވީ ކޮންއިރަކުތޯއެވެ؟"
"އަޅުގަނޑު އައީ ރޭގައެވެ. ނަމަވެސް ކަލޭގެފާނުގެ އަރާމުކުރެއްވުމަށް ހުރަސްއަޅާން ނުފެނުނީއެވެ. މިހާރު ކަލޭގެފާނުގެ ހާލުކޮޅު ކިހިނަކުންތޯއެވެ؟"
"އަޅުގަނޑުގެ ހާލު ރަނގަޅެވެ. މަދާއިނުގެ ޚަބަރުތައް ވިދާޅުވެދެއްވާށެވެ."
"މަދާއިނުގައި ވަރަށް ފޯރިއާއި ޖޯޝާއެކު އައު ހަނގުރާމަޔަކަށް ތައްޔާރުވަމުން އެބަދެއެވެ. އަޅުގަނޑުގެ ޒާތީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދަންނަވާނަމަ ޚުސްރޫޕަރުވޭޒު ރޫމީންނާ ހަނގުރާމަކުރައްވައިގެން ހޯއްދެވި ފުތޫހާތުގެ ކުރީކޮޅުގެ ދުވަސްތައް ފިޔަވައި އީރާނުގައި މިހާރު އުފެދިފައި މިއޮތްވަރުގެ އެއްބައިވަންތަކަމެއް އުފެދިފައިވާ ދުވަސްވަރެއް ނާދެއެވެ. މަދާއިނުގައި މަޝްހޫރުވެފައިވާ ގޮތުގައި ދެންފެށޭ ހަނގުރާމައެއްގައި އީރާނުގެ ލަޝްކަރު ހަރަކާތްތެރިވާނީ ޚުދު ރުސްތުމުގެ ވެރިކަމުގެ ދަށުގައެވެ. މީގެކުރީން އީރާނު މީހުންނަކަށް އަޅުގަނޑުމެންނާ ދެކޮޅަށް އެބައިމީހުންގެ ހުރިހައި ބާރުތަކެއް އެއްތަންކޮށް އެކަތިގަނޑަކަށް ހަދައި އިންތިޒާމުކުރެވޭފަދަ ޙާލަތެއް އައިސްފައެއް ނުވެއެވެ. ޔަޒްދުގިރުދު ވަނީ ވަރަށްބޮޑު ހުސްކަމެއް ފުރައިލައްވައިފައެވެ. މިހާރަކު ތަޚުތުގެ އެއްވެސް އުމީދާރަކަށް އޭނާގެ ކުރިފުޅުމައްޗަށް ނުކުމެވަޑައިގަންނަވާކަށެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. ޔަޒްދުގިރުދު އީރާނީ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފްކަން ރުސްތުމާ ހަވާލުކުރައްވައިފިނަމަ ރުސްތުމުގެ މަސައްކަތްޕުޅަކަށް ހައްދަވާނީ އީރާނު ސިފައިންގެ އެކަކުވެސް މައިދާނަށް ނުނުކުމެ ހުއްޓަނުދެއްވުމެވެ. ނަމަވެސް ދުޝްމިނުން ކުއްލި ފިޔަވަޅެއް އަޅައިފާނެކަމަކަށް އަޅުގަނޑު ލަފައެއް ނުކުރަމެވެ. ފުރިހަމަޔަށް ތައްޔާރުވެވަޑައިގެންނެވުމަށްޓަކައި ރުސްތުމަށް ވަގުތު ބޭނުންފުޅުވާނެއެވެ."
مثــنّـى ވިދާޅުވިއެވެ. "އަޅުގަނޑު މިއައީ ދިޖުލާކޯރުގެ އައްސޭރިއާ ހަމަޔަށް ގޮސްފައެވެ. އަޅުގަނޑުމެންގެ ލަޝްކަރުގައި ސިފައިންގެ އަދަދު މިޔަށްވުރެ ކުޑަތަންކޮޅެއް އިތުރުނަމަ އަޅުގަނޑު މިހާރު ހުރީހީ މަދާއިނުގައެވެ."
حسّان ވިދާޅުވިއެވެ. "އަޅުގަނޑު އަޑުއަހައިފައިވާ ގޮތުގައި أميـرالمؤمنـين ގެ ފަރާތްޕުޅުން ވަނީ ހިތްވަރު އާވާކަހަލަ ޚަބަރުތަކެއް ލިބިވަޑައިގެންފައެވެ. އެއީ ތެދު ޚަބަރެއްތޯއެވެ؟"
"އާދޭހެވެ. أميـرالمؤمنـين އަޅުގަނޑުގެ ސިޓީތަކުގެ ޖަވާބުގައި އަންގަވައިފައިވަނީ އެހީގެ ސިފައިން ވަރަށް އަވަހަށް އެބަފޮނުއްވާ ކަމުގައެވެ. އެކަމަކު އަޅުގަނޑަށް މަދީނާއިން އަންނަ ލަޝްކަރުތަކަށް އިންތިޒާރު ކުރެވޭނެ ނަމައެވެ. އިއްޔެވެސް އަޅުގަނޑުވަނީ أميـرالمؤمنـين ގެ އަރިހަށް އަލުން ޤާސިދަކު ފޮނުވައިފައެވެ. އަޅުގަނޑު އެދެނީ ކަލާވެސް ހަމަ މިއަދު މަދީނާއަށް ފުރައިވަޑައިގެންނެވުމެވެ. ވަޑައިގެން أميـرالمؤمنـين އާ ބައްދަލުކުރައްވާށެވެ. މަދީނާއިން އަންނަ ލަޝްކަރު ނުފުރާނަމަ أميـرالمؤمنـين ގެ އަރިހުގައި އަޅުގަނޑުގެ ފަރާތުން ވިދާޅުވާށެވެ. އަޅުގަނޑު އިންތިހާޔަށް ކަންބޮޑުވެފައިހުރެ އެކަލޭގެފާނު ފޮނުއްވާ ލަޝްކަރު އާދޭތޯ އެބަ މަގުބަލަމެވެ. މަދީނާގެ ލަޝްކަރާ މަގުމަތީން ބައްދަލުވެވަޑައިގެންފިނަމަ އެލަޝްކަރާއެކު އެނބުރި ވަޑައިގަންނަވާށެވެ. އަޅުގަނޑު ޛީޤާރުގައި ކަލާއަށް އިންތިޒާރު ކުރާނަމެވެ. އަޅުގަނޑު أميـرالمؤمنـين ގެ އަރިހަށް ކަލާ މިފޮނުވަނީ އީރާނުގެ އަދާހަމަ ޚަބަރުތައް أميـرالمؤمنـين ގެ އަރިހުގައި ކަލާއަށް ވިދާޅުވެދެއްވޭނެތީއެވެ. މިހާރު ވަޑައިގެން ތައްޔާރުވެ ވަޑައިގަންނަވާށެވެ."
حسّان ގެ ހިތްޕުޅުގައި مثــنّـى ގެ އަރިހުގައި ވިދާޅުވާނެ އެތައް ވާހަކަފުޅުތަކެއް އެބަހުއްޓެވެ. އޭނާ އޭނާގެ ހިތްވަރުފުޅުގަދަ މަތިވެރި ޤާއިދުގެ ޞިއްޙީ ހާލުކޮޅާމެދު ސުވާލުކުރައްވާން ބޭނުންފުޅެވެ. އެކަލޭގެފާނަށް އަރާމުކުރައްވާން މަޝްވަރާ އަރުއްވާން ބޭނުންފުޅެވެ. حسّان ވިދާޅުވާން ބޭނުންފުޅެވެ. އީރާނު ފަތަޙަކުރައްވަން ކަލޭގެފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ޙަޤީޤަތަކަށްވުމުގެ ވަގުތު ކައިރިވެއްޖެއެވެ. حسّان އެންމެބޮޑަށް ބޭނުންފުޅުވަނީ އިރުކޮޅަކު مثــنّـى ގެ އަރިހުގައި މަޑުކޮށްލައްވައި އެކަލޭގެފާނާ ވާހަކަ ދައްކަވާށެވެ. ނަމަވެސް مثــنّـى رضى اللّـه عنــه ގެ ކަންބޮޑުވެވަޑައިގެންފައިވާ ބެއްލެވުން حسّان ގެ އަރިހުގައި ދަންނަވާކަހަލައެވެ. "އަޅުގަނޑުގެ އެކުވެރިޔާއެވެ. ކަލާ ވިދާޅުވާން ބޭނުންފުޅުވެވަޑައިގަންނަވާ ވާހަކަފުޅުތައް އަޅުގަނޑަށް އެނގެއެވެ. އެކަމަކު ވާހަކަ ދައްކަން އަޅުގަނޑަށް ވަގުތު ކޮބައިތޯއެވެ؟"
حسّان ތެދުވެވަޑައިގެން ދޮރާ ދިމާޔަށް ވަޑައިގެންފިއެވެ. ނަމަވެސް ދޮރުމަތީގައި ހުއްޓިވަޑައިގެން އެނބުރި ބައްލަވާން ފައްޓަވައިފިއެވެ. مثــنّـى ވިދާޅުވިއެވެ. "އިތުރު ވާހަކަފުޅެއް ވިދާޅުވާން ބޭނުންފުޅުތޯއެވެ؟"
"ނޫނެކެވެ." حسّان ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ.
مثــنّـى ތެދުވެވަޑައިގެން حسّان ގެ އަރިހަށް ވަޑައިގެންފިއެވެ. حسّان ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑުގެ އެކުވެރިޔާއެވެ! އަޅުގަނޑާމެދު ކަންބޮޑުވެވަޑައިނުގަންނަވާށެވެ. ޛީޤާރަށް ގޮސް އަޅުގަނޑަށް އަރާމުކުރާނެ ފުރުސަތެއް ލިބިއްޖެ ކަމުގައިވާނަމަ ބޭސްވެރިޔާގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރާނަމެވެ. އެކަމަކު ދަންނަވަންތޯއެވެ. ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އެމީހެއްގެ މަސައްކަތް އެހެންމީހުންނާ ހަވާލުކުރާންޖެހޭ ވަގުތެއް ނައިހެއް ނުދާނެއެވެ. ޙަޔާތުގެ ސަރާސަރު މަގުގައި ދަތުރުކުރަމުންގެންދާ އިންސާނީ ޤާފިލާތައް ވަކިމީހަކު ނެތުމުން ހުއްޓިދާނެކަމުގައި ވިސްނާކަށެއް ނުވާނެއެވެ. އަޅުގަނޑު އެޤާފިލާއެއްގެ އާރުކާޓީއަކު ކަމުގައިވާ ޤާފިލާއަށް މިހާރުވަނީ މަދާއިނަށްދާ މަގު ފެނިފައެވެ. އެންމެފަހު މަންޒިލާ ހަމަޔަށް އަޅުގަނޑަށް އެޤާފިލާއާއެކު ދަތުރު ނުކުރެވުނު ކަމުގައިވިޔަސް އަޅުގަނޑުގެ ފުރާނަޔަށް ލިބިފައިވާނެ ހިތްހަމަޖެހުމަކީ އަޅުގަނޑަށްފަހު މިޒިންމާއާ ހަވާލުވާ މީހަކީ އަޅުގަނޑަށްވުރެ މާބޮޑަށް ކަމާއެކަށީގެންވާ މީހަކު ކަމުގައި ވާނެކަމުގެ ހިތްހަމަޖެހުމެވެ. އެމީހެއްގެ ނަޒަރު މަދާއިނަށްވުރެ މާދުރަށް ފޯރާނެކަމުގެ ޔަގީންކަމެވެ. އާ މަންޒިލުތަކަށް ދަތުރުކުރުމުގައި އެމީހެއްގެ ފިޔަވަޅުގެ ނިޝާން ވާނީ ފަހަތުން އަންނަ ދަތުރުވެރީންނަށްޓަކައި ފަނާރެއްކަމުގައެވެ. ދެން ކަލާ ވަޑައިގަންނަވާށެވެ. އަޅުގަނޑާމެދު މާބޮޑަށް ފިކުރު ނުކުރައްވާށެވެ."
حسّان ދެއަތްޕުޅުން مثــنّـى ގެ އަތްޕުޅުގައި ހިއްޕަވައި މުސާފަހާ ކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ކަލޭގެފާނުގެ އަތްޕުޅު ވަރަށް ހޫނެވެ. މާބޮޑަށް އުނދަގޫފުޅުވަނީތޯއެވެ؟"
مثــنّـى ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް އެންމެ އުނދަގޫވާ ކަމަކީ އަޅުގަނޑުގެ ބައެއް އެކުވެރީން އަޅުގަނޑުގެ ޙަޔާތުގެ މަޤުޞަދަށްވުރެ އަޅުގަނޑު ޒާތް މާ މުހިންމުކަމުގައި އިޙުސާސްކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާތީއެވެ. حسّان އެވެ! އަޅުގަނޑު އިރާގުގައި މިކުރި ހަނގުރާމަތަކުގައި އެމައިދާނަކަށް ނުކުންނައިރު ޝަހީދުވާން އަޅުގަނޑުގެ ހިތްނޭދޭ އެއްވެސް މައިދާނަކަށް ނުނުކުންނަމެވެ."
حسّان ސިކުންތުކޮޅެއް ވަންދެން އެއިންސާނީ މަތިވެރިކަމުގެ ފަރުބަދައެއްފަދަ އިންސާނާއާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އެހައިތަނުން އޭނާގެ ލޯފުޅުގެ ކުރިމަތީގައި ކަރުނަފޮދުގެ ފަރުދާއެއް ދަމައިލެވިއްޖެއެވެ. އޭނާ އެފޭލިގެއިން ނިކުމެވަޑައިގެންނެވިއިރު އޭނާގެ ހިތްޕުޅުން ތަކުރާރު ކުރައްވައި ވިދާޅުވަމުން ގެންދެވިއެވެ. "އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ! އަޅުގަނޑުގެ އަޚާއެވެ! އަޅުގަނޑުގެ ޤާއިދެވެ! މާތް اللّـه ކަލޭގެފާނު ޙިމާޔަތްކުރައްވައި ނަޞްރުދެއްވާ ކަލަކު ކަމުގައި ވޮޑިގެންވާށިއެވެ."
سُهيل ތަންކޮޅެއް ދުރުގައި މުޖާހިދުން ދުނިހެވިކަން ފަރިތަކުރައްވާ މަންޒަރު ބައްލަވާން ހުންނެވިއެވެ. حسّان ތަންކޮޅެއް ކައިރިޔަށް ވަޑައިގެންފައި އޭނާ ގޮވައިލެއްވިއެވެ. سُهيل ދުވެވަޑައިގެންފައި حسّان ގެ އަރިހަށް ވަޑައިގެންފިއެވެ. حسّان ވިދާޅުވިއެވެ. "سُهيل އެވެ. ބޭބެ މަދީނާއަށް ދަނީއެވެ."
"ކޮންއިރަކުތޯއެވެ؟"
"ހަމަމިހާރު ފުރަނީއެވެ. އެކަމަކު މަދީނާއިން އަންނަ ލަޝްކަރާ މަގުމަތީން ބައްދަލުވެއްޖެނަމަ ކުރިޔަށްނުގޮސް ލަޝްކަރާއެކު އެނބުރި އަތުވެދާނަމެވެ."
"ބޭބެގެ އަރިހަކު އަޅުގަނޑު ނުގެންދަވާނުތޯއެވެ؟"
"އާދޭހެވެ!"
سُهيل ގެ މޫނުފުޅުމައްޗަށް އުދާސްކަން ވެރިވެގަތެވެ. حسّان އޭނާގެ ހިތްޕުޅު ހަމަޖައްސައިދެއްވަމުން ވިދާޅުވިއެވެ. "ކޮއްކޮ އަޅުގަނޑާއެކު ވަޑައިގަންނަވާށެވެ. ބޭބެގެ ރަޙުމަތްތެރިޔަކާ ކޮއްކޮ ހަވާލުކުރާނަމެވެ."
سُهيل، حسّان ގެ އަރިހުގައި ވަޑައިގެންފިއެވެ. މަގުމަތީން އޭނާ ސުވާލުކުރެއްވިއެވެ. "އެއީ ކާކުތޯއެވެ؟"
"އެކަލޭގެފާނުގެ ނަންފުޅަކީ عـاصم بن عمـرو التّميمى އެވެ. އެކަލޭގެފާނުގެ އަރިހުން ކޮއްކޮޔަށް ވަރަށްގިނަ ކަންތައްތައް ދަސްފުޅުކުރެއްވޭނެއެވެ."
އިރުކޮޅެއްގެފަހުން އެދެބޭފުޅުން ތިއްބެވީ ލޮންސިހެވިކަން ފަރިތަކުރާ މައިދާނުގައެވެ. عـاصم بن عمـرو އާ ވާހަކަ ދައްކަވާށެވެ.
حسّان، عـاصم އަށް ކުރުގޮތަކަށް އީރާނުގެ ތާޒާ ޚަބަރުތައް ވިދާޅުވެދެއްވިއެވެ. އެކަލޭގެފާނުގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު ވިދާޅުވިއެވެ. "عـاصم އެވެ. އަޅުގަނޑު މިދަނީ މަދީނާއަށެވެ. މިއީ އަޅުގަނޑުގެ ކޮއްކޮއެވެ. ކަލޭގެފާނު މީނާ ރަނގަޅު ސިފައިންގެ މީހަކަށް ހައްދަވައިދެއްވައިފިނަމަ އެއީ އަޅުގަނޑަށް ކޮށްދެއްވޭ ވަރަށްބޮޑު ކަމެކެވެ. މީނާ ވަނީ މަދާއިނުން ޢަސްކަރީ ތަރުބިޔަތު ހޯއްދަވައިފައެވެ. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި އީރާނުގެ އަދާހަމަ ހާލަތާ ބެހޭގޮތުން ކަލޭގެފާނު ކުރައްވާ ކޮންމެ ސުވާލަކަށްވެސް މީނާއަށް ކަލޭގެފާނުގެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާގޮތަށް ޖަވާބު ދެއްވޭނެއެވެ."
(ނުނިމޭ)