މާލޭ ސިޓީ ކައުންސިލް

ހަދަމުންދާ ރިސޯޓެއްގައި ގަވާއިދާ ހިލާފަށް 1000 އަށް ވުރެ ގިނަ ބިދޭސީން އެބަތިބި: އެލްއާރުއޭ

ޝަހީދާ އަބްދުﷲ ސައީދު

އަލަށް ހަދަމުންދާ ރިސޯޓެއްގައި ގަވާއިދާ ހިލާފަށް 1000 އަށް ވުރެ ގިނަ ބިދޭސީން ލައްވައި މަސައްކަތް ކުރުވަމުންދާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ މިއަހަރުގެ ތެރޭގައި 30 ރިސޯޓެއްގެ މަސައްކަތް ކުރަމުންދާ ގޮތް ބަލާފައިވާނެ ކަމަށެވެ.

އެގޮތުން ހަދަމުންދާ ރިސޯޓެއްގައި 2447 ބިދޭސީން ތިބި އިރު އޭގެ ތެރެއިން 1000 އަށް ވުރެ ގިނަ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް ގެނެސްގެން މަސައްކަތް ކުރުވާ ބިދޭސީން ކަމަށް ވިދާޅުވިއެވެ.

އަލީ ޝަރީފު ވިދާޅުވީ 30 ރިސޯޓެއް ބެލިއިރު ބައެއް ރިސޯޓްތަކުގެ 90 އިންސައްތަ އަކީ ބިދޭސީން ކަން އޭނާ ފަހަގަކުރެއްވިއެވެ.

ހަދަމުންދާ އެ ރިސޯޓުގެ ނަން ހާމަނުކުރެއްވި ނަމަވެސް އަލީ ޝަރީފު ވިދާޅުވީ އެ ރިސޯޓުގައި ތިބި ބިދޭސީންނާއި މާލޭ އޮފީހާ ގުޅިގެން ގިނަ ކަންކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ބެލުމަށްފަހު ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެކުރި މީހުން ހޯދައި އެބަޔަކާ މެދު ފިޔަވަޅުއަޅާނެ ކަމަށެވެ.

ހަދަމުންދާ ރިސޯޓެއްގައި ގިނަ އަދަދެއްގެ ބިދޭސީން ލައްވައި މަސައްކަތް ކުރުވަމުންދާ އިރު، މާލޭގައި ގޭގެ ކުއްޔަށް ނަގައިގެން ބިދޭސީން ވިޔަފާރިކުރަމުންދާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީއިން މިއަދު ވަނީ ބުނެފައެވެ.