ޝަހީދާ އަބްދުﷲ ސައީދު
މާލޭގައި ގޭގެ ކުއްޔަށް ނަގައިގެން ބިދޭސީން ވިޔަފާރިކުރަމުންދާ މައްސަލަ ބަލަމުން އަންނަކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން މިއަދު ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އަލީ ޝަރީފް ވިދާޅުވީ އާންމުންގެ ޝަކުވާ އާއި ގުޅިގެން ހެންވޭރު ތިން ގެއެއް ބެލިއިރު ޖެހިޖެހިގެން ހުންނަ ބޮޑު ތިން ގެއެއްގައި ކާބޯތަކެތި ބެހުމުގެ ވިޔަފާރި ކުރަމުންދާ ކަމަށެވެ.
އަދި އެގެތަކުގެ ބޮޑު ސަރަހައްދެއް ނިދުމަށް ވެސް ހާއްސަކޮށްފައިވާ ކަމަށާއި އެތަނުގައި ފައިސާ ދީގެން ނިދަނީ ވެސް ބިދޭސީން ކަމަށެވެ.
އަދި އެތަންތަނުން 400 އެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށާއި ވިޔަފާރި އުސޫލުން ކާން ދިނުމާއި ސައިޓުތަކަށް ޕާރުސަލް ވިއްކުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަސައްކަތުގައި އުޅޭ ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. ތަނުގެ ސާފުތާހިރުކަމަށް ބަލާއިރު ކަނޑައެޅިފައިވާ މިންގަނޑަށް ނުފެތޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަލީ ޝަރީފު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށާއި އެ ބިދޭސީން ރާއްޖެ އެތެރެކުރި ބައެއްގެ ޒިންމާދާރުކަން ވެސް ކުޑަ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށާއި ގަވައިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.