ޕީޕީއެމް

ދަރަނި ނުދައްކަނީސް ޔާމީން ޕާޓީއެއް ހަދަން ހުއްދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: ނާދިރާ

ޝަހީދާ އަބްދުﷲ ސައީދު

ޕީޕީއެމްގެ ދަރަނި ދެއްކުމުން ނޫނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫންގެ އެމްއާރުއެމްގެ އިސް ބޭފުޅެއް ކަމަށްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމްއާ ހަވާލުވެވަޑައިގެން ބޮޑެތި އަދަދުތަކުން ޕާޓީ ދަރަނިވެރިކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެހެން ޕާޓީއެއް ހެދުން ހުއްޓުުވަން ޖެހޭ ކަމަށް ނާދިރާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން އިތުރު ޕާޓީއެއް ހައްދަވަން ހުއްދަ ދިނުމާއި ދެކޮޅަށް ނާދިރާ ޓުވީޓު ކުރެއްވި އިރު އިތުރު ޕާޓީއެއް ހެދުމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފަ އެވެ.

ހުއްދަ ލިބުނުހާ އަވަހަކަށް "ޕީޕަލްސް ނެޝަނަލް ކޮންގްރެސް" (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފައްދައި، 3000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޕީޕީއެމްގެ އިސް އޮފިޝަލަކު ވަނީ "ވަން އޮންލައިން"އަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އަދުރޭ ހުށަހަޅުއްވާފައި މި ވަނީ ސިޔާސީ މުސްތަގުބަލު އޮތީ އާ ޕާޓީއެއް އުފައްދަވައިގެން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ރައީސް ޔާމީން ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.