ކްރިމިނަލް ކޯޓް

ޝުންބާ ގޭބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ރިޔާސީ ލޯންޗްކޮޅު ''ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކުރި އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް) ގޭ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ޝުމްބާ ހައްޔަރުކުރި ފަހުން ތިން އަހަރުވެގެން ދިޔައިރު އޭނާގެ މައްޗަށް ދައުވާކޮށްފައެއް ނުވެއެވެ.

ޝުމްބާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ގޭބަންދުން ދޫކޮށްލުމަށް އޭނާގެ ވަކީލު އެދުމުން، ދައުލަތުގެ ވަކީލު ވަނީ ދޫކޮށްލުމަށް އިއުތިރާޒު ނުކުރާ ކަމަށް ވިދާޅުވެފައެވެ.

ޝުމްބާ ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު އެއް ވަނަ ދުވަހުގެ ރޭ ސްރީލަންކާގެ ކޮލަމްބޯއިންނެވެ.

އަދި އޭގެ ފަހުން އޭނާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ މާޗް އެއްވަނަ ދުވަހުއެވެ. އޭރުއްސުރެ މިއަދާ ހަމައަށް އޭނާ ހުރީ ގޭބަންދުގައެވެ.