ޝަހީދާ އަބްދުﷲ ސައީދު
ހުޅުމާލޭ ބީޗު ސަރަހައްދުގައި ދޭ ކެފޭގެ ޚިދުމަތް ހުއްޓުވައި އެތަކަން ނިޒާމެއްގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީއަށް އަންގައިފި އެވެ.
"ވަން އޮންލައިން" އަށް ދާދި ދެންމެ ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ހުޅުމާލޭ ބީޗު ސަރަހައްދު ބަންދުކޮށްގެން އާންމުންނަށް އެ ސަރަހައްދުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރެވޭ ގޮތަށް އެތަން ރެސްޓޯރެންޓުތައް ހިންގަން ބޭނުންކުރާތީ، އެކަމުގެ ޝަކުވާ މިނިސްޓްރީން އަށް ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ކެފޭގެ ޚިދުމަތް ދެމުން ގެންދަނީ ހުޅުމަލޭގައި ވެސް ކެފޭތައް ހިންގަމުންދާ ބައެއް ފަރާތްތަކުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ގޮނޑި ޖަހައިގެން ބޭނުންކުރަމުން ދާތީ އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ތަކުރާރުކޮށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ބީޗް ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ދީފައެއް ނެތް. ބީޗްގައި ގޮނޑިތައް ޖަހައިގެން ބޭނުންކުރަމުން ދަނީ ހުއްދަ ނެތި." ފައްޔާޒް ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ހުޅުމާލޭ ބީޗް ސަރަހައްދުގެ ޕްލޭނެއް ހެދުމަށް އެޗްޑީސީއަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އެޕްލޭން ނިމިގެން އަންނައިރު އާންމުންނަށާއި ވިޔަފާރިވެރިންނަށް ވެސް އެސަރަހައްދު ބޭނުންކުރެވޭނެ އުސޫލު ތަކެއް އޮންނާނެ ކަމަށެވެ.
އަދި ވިޔަފާރީގެ އުސޫލުން ބީޗު ބޭނުންކުރާނަމަ އެސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތައްވެސް ހަމަހަމަކަމާއެކު ލިބިގެން ދާން ޖެހޭނެ ކަމަށާއި އެއީ ބިޑިން ޕްރޮސެސްއެއް ފަދަ އުސޫލަކަށް ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.