އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓުވީޓާ އެކައުންޓް ހެކްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓުވިޓާ އެކައުންޓް ހެކްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ އީސީގެ ޓުވިޓާ އެކައުންޓް ހެކް ކޮށްފައިވާ ކަމަށާއި ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިރޭގެ ވަގުތެއްގައި އީސީގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އެ ކޮމިޝަނުން އެންޑޯސް ކޮށްފައިވާ ކަމަށާއި ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާއާ ފަރަގެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން އެ ޓުވީޓު ވަނީ ޑިލީޓު ކޮށްލައިފައެވެ.

އީސީން މާދަމާ ހެނދުނު 10:30ގައި ބާ ޖަމާލުއްދީންގައި ހުންނަ އިންތިހާބާ ބެހޭ މައި މަރުކަޒުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ވަނީ ނިންމައިފައެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާއްވާތާ އިއުލާންކުރާތާ ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހޭނެ ކަމަށް ގާނޫނު ބުނެއެވެ. އެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ އެ ކޮމިޝަންގެ ފަސް މެންބަރުން ބަލައިގެންފައިވާ ކަމަށާއި ދާއިމީ ނަތީޖާއަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ގާނޫނީ މެންޑާޓާ އެއްގޮތަށް ވޯޓު ގުނުމުގެ ކަންތައް އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގެ ޝަކުވާތަކެއް ހުށަހަޅައި، އިންތިހާބު ބާތިލުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިގެންގޮސްފައެވެ. އިންތިހާބުގެ ޝަކުވާތައް ޕާޓީގެ އޮފީހަށް ވީހާވެސް އަވަހަކަށް ހުށަހެޅުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެންބަރުންނަށް ޕީޖީ ގްރޫޕުގެ ލީޑަރު ނިހާން ވެސް ގޮވާލާފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކުރައްވައި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރި ހޯއްދެވީ 58 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިބޫއަށް ޖުމްލަ 134,616 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.