ޖުމްހޫރީ ޕާޓީ

ޖޭޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖޭޕީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުންނަންވާނޭ ޝަރުތުތައް ފުރިހަމަވާ އެ ޕާޓީގެ މެމްބަރުންނަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާ ކަމަށެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ޖޭޕީގެ ފަރާތުން ކުރިމަލާން ބޭނުންވާ ފަރާތްތަކުން ވަނަވަރާއި، ޕާސްޕޯޓު ސައިޒުގެ ފޮޓޯއާއެކު އަންނަ އަންގާރަ ދުވަހުގެ ހަވީރު 5:00ގެ ކުރިން އެ ޕާޓީގެ އޮފީހަށް ފޮނުވުމަށް ވަނީ އިއުލާންކޮށްފައެވެ.

މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުންނެވެ.

މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމާ ގުޅޭގޮތުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ އެ ޕާޓީން ވަކި ދާއިރާއަކަށް ކުރިމަތިލުމުގެ ނުވަތަ ވަކި ދާއިރާއެއް ދޫކޮށްލުމަށް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށާއި އަދި ދާއިރާތަކަށް ކުރިމަތިލާނެ ގޮތަކާ މެދު ވެސް މަޝްވަރާކޮށްފައިނުވާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ފަރާތުން ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލީ. އަދި އެގޮތުން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގެ މައި އިދާރާއަށް އެކަންކަން ހުށަހަޅުއްވަމުން ގެންދަވަންވީ. އެއާއެކު އަޅުގަނޑުމެން އިދާރީގޮތުން ކުރަންޖެހޭ ކަންކަންކޮށް އިއުލާން ކުރަންޖެހޭ ކަންކަން އިއުލާންކުރާނަން،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓީތަކުގެ ތެރެއިން އެމްޑީޕީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ކުރިމަތިލުމަށް ނިންމައިފައެވެ. އެމްޑީޕީން މަޖިލިސް އިންތިހާބުގައި ވާދަނުކުރާ ދާއިރާއަކީ ނިލަންދޫ ދާއިރާއެވެ.