ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން މިދިޔަ އަހަރު ވެސް މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އެވެ. އަދި މިފަހުން ވެސް ހުޅުމާލޭގެ މަގުތަކަށް ނުކުމެ އެމީހުން ވަނީ ދެ މުޒާހަރާއެއް ކޮށްފަ އެވެ. މަދު ބަޔަކާއެކު ނުކުމެ ކުރި އެ މުޒާހަރާތައް ފުލުހުން މައިތިރިކުރި އެވެ. އެ މުޒާހަރާތަކުން ނަތީޖާއެއް ނުފެނުމުން މިއަދުވެސް އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ލޭބާ ކުއާޓާގެ ތެރޭގައި އެމީހުން މުޒާހަރާއެއް ފެށިއެވެ. ކުރިޔަށްވުރެ ގިނަ މީހުންގެ ބައިވެރިވުމާއެކު އެވެ. ގޮވަމުން ދިޔައީ އެމީހުންނަށް މުސާރަ އާއި ޓިކެޓް ބޭނުންވާ ކަމަށެވެ. ނަމަވެސް މުޒާހަރާ ނިމިގެންދިޔައީ އަނެއްކާވެސް ބިރުވެރި މަންޒަރަކުންނެވެ.
އާދައިގެ މަތިން މިއަދު ވެސް އެ މުޒާހަރާ ހަންމަތަ ކުރަން ފުލުހުންގެ ވެހިކަލެއްގައި ފުލުހުން އެ ސަރަހައްދަށް ދިޔަ އެވެ. ވެހިކަލުން ފައިބައިގެން ބިދޭސީންނާ ދިމާއަށް ފުލުހުން ހިނގައިގަތުމުން މުޒާހަރާ ކުރަން ތިބި ބިދޭސީންގެ ރުޅިގަނޑު ފަޅައިގެންދިޔަ އެވެ. އެއާއެކު މުޅި އެ ސަރަހައްދުގެ މަންޒަރު ކުއްލިއަކަށް ބަދަލުވި އެވެ. އޮށްގަލާއި ދެންވެސް އަތުޖެހުނު އެއްޗެއް ފުލުހުންނާ ދިމާއށް އެ ބިދޭސީން އުކަން ފެށި އެވެ. މުޒާހަރާ ކޮންޓްރޯލް ކުރަން ދިޔަ ފުލުހުން އެހިސާބުން ޖެހުނީ ފަހަތަށް ޖެހި އެމީހުން އެތަނަށް ދިޔަ ވެހިކަލްގެ ނިވަލަށް ވަދެ، ސަލާމަތްކަން ހޯދާށެވެ. ވެހިކަލް ދުއްވަން އިން އޮފިސަރު ވެހިކަލް ފަހަތަށް ޖައްސައި އެ ސަރަހައްދުން ދެވޭތޯ ބެލި އެވެ.
މިއަދުގެ މުޒާހަރާގައި ބިދޭސީން ފުލުހުންނާ ކުރިމަތިލީ އިރު އެމަންޒަރު ސިފަވީ ބޭރު ގައުމެއްގެ މަގުމަތީގެ ހަރަކާތެއްގެ ގޮތުގަ އެވެ. މުޒާހަރާގެ ބައިވެރީން ފުލުހުންނާ ދިމާއަށް އައީ ބާރުބާރަށް ހަޅޭއް ލަވަމުން، އެމީހެއްގެ އަތުގައި އެވަގުތަކު ޖެހުނު އެއްޗެއް ނަގައި އުކަމުންނެވެ. މުޅި އެ ސަރަހައްދުގެ މަގުމަތީގައި ހުރީ އެކި ކަހަލަ ގަލާއި ލަޓި ބުރިޔާއި އެނޫންވެސް އެފަދަ ތަކެއްޗެވެ. އާންމުންގެ މުދަލަށާއި ފުލުހުންގެ މުދަލަށްވެސް އެކި ވަރުގެ ގެއްލުން ވިއެވެ.
އެ ކުރިމަތިލުމުގައި ބައެއް ފުލުހުންނަށް އަނިޔާ ވެސް ވިއެވެ. ފުލުހުން ދިޔަ ވެހިކަލްގެ ބިއްލޫރިގަނޑުތައް ހުރީ ތަޅައިލައިފައެވެ. އެސަރަހައްދަށް އެއްވި ބައެއް އާންމުންނަށް ވެސް ބިދޭސީންގެ މި ހަމަލާތަކުގައި އަނިޔާވި އެވެ. ބިދޭސީން ދިވެހި ފުލުހުން ގަޔަށް އަރައިގަތް ގޮތުގެ ބިރުވެރި މަންޒަރުތައް ފެނުމުން އެތަނުގައި އެވަގުތު ތިބި ދިވެހީންގެ ލޭ ކެކިގެން ދިޔައެވެ. ބިދޭސީންނާ ކުރިމަތިލާން ވެސް ބައެއް ދިވެހީން އުޅުނެވެ. ނަމަވެސް ޓްރެފިކް ފުލުހުން އާންމުންނަށް އެ ފުރުސަތު ނުދިނީއެވެ. މި މަންޒަރު ހަމަލޮލުން ދުށް މީހުންނާއި ފޮޓޯތަކާއި ވީޑިއޯތަކުން އެކަން ބެލި މީހުންގެ ލޭ ކެކިފައި ތިބި މިންވަރު ސޯޝިއަލް މީޑިއާގައި އެމީހުން ހިއްސާކޮށްފައިވާ ޝުއޫރުތަކުން ސާފުވެ އެވެ.
ބިދޭސީން ކިޔަމަން ވެ، ހިމޭންވީ އެތަނަށް އެސްއޯ ފުލުހުންގެ ޓީމެއް ދިއުމުންނެވެ. ފުރިހަމަ ހަތިޔާރާއެކު އެޓީމު ލޭބާ ކުއާޓަރު ތެރެޔަށް ވަދެ، ޖުމުލަ 40 ބިދޭސީއަކު ހައްޔަރުކުރި އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އެތަނަށް ފުރިހަމަ ތައްޔާރީގައި ތިބި ސިފައިން ވެސް ދިޔައެވެ. އިތުރަށް މައްސަލަ ހޫނުވެއްޖެނަމަ ފުލުހުންނަށް އެހީތެރިވުމަށެވެ
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި 200 އެއްހާ ބިދޭސީން ނުކުމެ ފުލުހުންނާ ކުރިމަތިލި ހާދިސާއަށްފަހު، މިއީ އަނެއްކާވެސް މުޅި ރާއްޖެއަށް އެޅި ބޮޑު ނުރައްކަލެއްގެ ރަނގަބީލެކެވެ. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިންޒާރެކެވެ.
މި މުޒާހަރާ ހިނގައިގެން ދިޔައީ، ބިދޭސީންގެ މައްސަލައިގައި ކަންބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައަކަށް ބަހުސް ކުރަމުން ދަނިކޮށެވެ. އަދި ބިދޭސީންގެ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ވެސް އެގަޑީގައި ކުރިއަށްދިޔައެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ބޮޑުފިނޮޅުގެ އިތުރުން މިއަދު ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާދީ، ހަމަނުޖެހުން ހިންގުމުން އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް މިއަދު އެހިސާބަށް މިއައީ ކުދި އަދި ބޮޑެތި މައްސަލަތަކަށް އެޓެންޑު ނުވެވުނީމަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިހާރު ހަމަނުޖެހުންތައް ހިނގަނީ މުސާރަ ނުލިބިގެން ކަމަށް ވިޔަސް، އެއީ ދުރާލައި ރޭވިގެން ކުރާ މުޒާހަރާތަކެއް ކަމަށެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތޮޅު ތެރޭގައިވެސް ގިނަކަމަށް ވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ މީހުން މުޒާހަރާ ކޮށް، ހަމަނުޖެހުން ހިންގަން ފަށައިފިނަމަ، އެކަންކަން ކޮންޓްރޯލް ކުރަން ފުލުހުންނަށް ވެސް ވަރަށް ދަތިވާނެ ކަމަށެވެ.
ހަގީގަތުގައި ވެސް މިއަދު ހުޅުމާލެއިން ފެނުނީ ބިރުވެރި މަންޒަރެކެވެ. ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. ފެނިގެން މިދަނީ ބިދޭސީން ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަ ވެ، ގިނަ ބަޔަކު އެކަމުގައި ބައިވެރިވާތަނެވެ. ހައްދުން ނެއްޓެނީ އެވެ. ކުރިޔަށް އޮތީ ކޮންކަހަލަ ބިރުވެރި ކަމެއްކަމެއް ނޭނގެ އެވެ. ނަމަވެސް މިއީ ހުއްޓުވަން ޖެހޭ ކަމެކެވެ. ގައުމީ ނުރައްކަލަކަށް ވުމުން އެކަމުގެ ނުރައްކާ ކުރިމަތިވާނީ ހަމައެކަނި ވަކި ކުލައަޔަކަށް ނޫނެވެ. މުޅި ގައުމަށެވެ. ގައުމުގެ ރައްޔިތުންނަށެވެ. ކޮވިޑުގެ ސަބަބުން ދިވެހި އިގްތިސާދުގައި ޖެހުނު ލައްގަނޑު ނުފިލަނީސް، އިތުރު ލައްގަނޑެއް ޖެހުނަ ނުދިނުމަށް ދިވެހިން ހިތްވަރު ކުރާން ޖެހެއެވެ.
ސިޔާސީ މީހުންވެސް މިކަމާ މެދު ވިސްނައި ފިކުރު ހިންގާން ޖެހެ އެވެ. ވަގުތީ ފައިދާއެއްގެ ބޭނުމުގައި ގައުމު ހަލަބޮލިކުރުމަށް ބިދޭސީންނަށް ހިތްވަރު ދީ، އެމީހުންނަށް ފަންޑުކޮށް މަގުތަކަށް ނެރޭ ނަމަ، އެ ދަސްކޮށްދެވެނީ ވަރަށް ބިރުވެރި ފިލާވަޅެއްކަން ހަނދާން ބަހައްޓަން ޖެހެއެވެ. އެހެން ނޫނީ މިއަދު ބިދޭސީން އުޅޭ ނިކަމެތި ހާލުގައި އުޅެން ޖެހޭނީ ހަމަ ދިވެހިންނެވެ. އަދި ގައުމު އަބަދުވެސް އޮންނާނީ ބޮޑުސިންގާ ދާހިލީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައެވެ.