މިއަހަރުގެ ފެބްރުއަރީ 16ގައި ބޭއްވި މުޒާހަރާއެއްގައި ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންއަށް އަނިޔާކުރި ފުލަހަކީ ކާކުކަން ނޭނގޭތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ނިންމައިފިއެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ހުސައިން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ މަޖީދީމަގާއި ޗާންދަނީމަގާއި ގުޅުނު ސަރަހައްދުގައި ކުރިއަށް ދިޔަ މުޒާހަރާ ކަވަރުކުރަން އުޅެނިކޮށެވެ.
އެޗްއާރުސީއެމް އިން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ބުނެފައިވަނީ ހުސައިންއަށް އަނިޔާކުރީ ކޮން ފުލުހެއްކަން ނޭނގޭ ކަމަށާއި، ފުލުހުން ގަސްދުގައި އޭނާއަށް އަނިޔާ ނުދޭ ކަމަށެވެ.
އަދި ހުސައިންއަށް މާއްދީ ގޮތުންނާއި، ނަފްސާނީ ގޮތުން ނުވަތަ ލާއިންސާނީ ގޮތުން އެއްވެސް އިހާނެތި އަމަލެއް ފުލުހުންގެ ފަރާތުން ގަސްދުކޮށްފައި ނުވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެޗްއާރުސީއެމް އިން ބުނެފައިވަނީ ހުސައިންގެ މެޑިކަލް ލިޔެކިޔުންތަކުން އޭނާއަށް އަނިޔާ ލިބިފައިވާ ކަން ކަށަވަރު ވެފައިވާ ކަމަށެވެ. އެހެންނަމަވެސް އަނިޔާ ލިބިފައިވާ ގޮތް ފާހަގަނުކުރެވޭ ކަމަށް އެޗްއާރުސީއެމް އިން ވަނީ ބުނެފައެވެ.