މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޓެކްސީ އަގުތަކަށްވުރެ ބޮޑުކޮށް ދަތުރުކުރާ މައްސަލަ ހައްލުކުރުމަށް ފުލުހުން މަގުތަކަށް ނިކުމެއްޖެ އެވެ.
ޓްރެފިކް ފުލުހުންގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޓެކްސީ ކުރުމުގެ އަގުތަކާއި ހިލާފަށް ބައެއް ޓެކްސީ ޑްރައިވަރުން އަގު ނަގާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އަދި އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޓެކްސީތައް މަގުމަތިން ހުއްޓުވައި އެ ޓެކްސީއަކުން ދަތުރުކުރާ ޕަސިންޖަރުންނާއި ސުވާލުކުރުން ފަދަ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގަވާއިދާ ހިލާފަށް އަގު ނަގާ ޓެކްސީ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ގަވައިދާ ޚިލާފަށް ފައިސާ ނަގާ ޓެކްސީ ޑްރައިވަރުންގެ މައްސަލަ ހުއްޓުވަން ފުލުހުން މަގުމައްޗަށް ނިކުތް އިރު، ދާދި ފަހުން އެއާޕޯޓުން މާލެއަށް އަންނަ ހައިވާއަށް އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ ދަރިފުޅު ބާލާފައި ޑްރައިވަރު ދިޔަ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ޑްރައިވަރު އެ ދެމައިން ހައިވޭއަށް ބާލާފައި ނައްޓައިލީ އޭނާ ނަގަން ބުނި އަގު މާބޮޑު ކަމަށް ބުނެ ސުވާލު އުފެއްދުމުންނެވެ. އެ ހާދިސާ ކުރިމަތިވެފައި ވަނީ "ވަން އޮންލައިން"ގެ ނޫސްވެރިޔަކަށެވެ.