ޝަހީދާ އަބްދުﷲ ސައީދު
ބޮޑެތި މަހުޖަނުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ބަދަލުގައި އެބޭފުޅުންގެ ވިޔަފާރިއާއިގެން ކުރިއަށް ވަޑައިގަތުމަށް އައްޝައިޚު ޑރ. މުހައްމަދު އިޔާޒު ގޮވާލެއްވުމާއި ގުޅިގެން މަޖިލީހަށް ދެން އަންނަވީ ކޮންބައެއްތޯ ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝީދު އިޔާޒުއާ ސުވާލު ކުރައްވައިފިއެވެ.
ނާޝިދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ވިޔަފާރިވެރިޔާ ވިޔަފާރިކުރަން އިންނަވައި، ޝައިޚު ޝައިޚު ކަމުގައި އިންނަވައި އަދި ލޯޔަރުންނާއި އިންޖިނިއަރުންނާއި ޑޮކްޓަރުންނާއި ޓީޗަރުންގެ އިތުރުން އެހެން މީހުން ވަޒީފާގައި ތިއްބަވާފައި ދެން މަޖިލީހަށް ވަންނަންވީ ކޮން ބައެއްތޯ ސުވާލުކުރައްވާފައެވެ.
އަދި މަޖިލިސް މަޖިލީހަށް ވަނީ ހުރިހާ ފިކުރެއް އެތާ އެކުލެވިގެން ނޫންތޯ ވެސް ސުވާލުކުރެއްވިއެވެ.
މީގެއިތުރުން އައްޝައިޚު ޑރ. މުހައްމަދު އިޔާޒު ކުރެއްވި އިތުރު ޓުވީޓެއްގައި މަޖިލީހަށް ވަންނަންވާނީ އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދެން ކެރޭ މީހުން ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓު، ރީޓްވީޓު ކުރައްވަމުން ނާޝިދު ވިދާޅުވީ އެވާހަކައަށް ތާއީދުކުރައްވާ ކަމަށާއި އިޚުލާސްތެރިކަން އެންމެންގެ ވެސް އޮންނަންވާނެ ކަމަށެވެ.
އަދި އިޚުލާސްތެރިކަމާއި އިންސާފުވެރިކަން މަދުވެގެން އުޅެނީ ހަމައެކަނި މަޖިލީހުގައި ނޫން ކަމަށް ވިދާޅުވެ، ފަނޑިޔާރުގެއަށް ބައްލަވައިލެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.
ނާޝިދުގެ ޓުވީޓުގައި ވިދާޅުވީ ރައްޔިތު މީހާ ވިސްނަވާފައި ވޯޓް ދެއްވުމުން ރަނގަޅުވާނެ ކަމަށެވެ.