މާލޭ ސިޓީގެ މަގުތަކުގައި ހުރި ކަފިހި ހުރަސްތަކާއި ސްޕީޑް ބްރޭކަރުތަކުގައި ސިޓީ ކައުންސިލުން އަލުން ރީނދޫ ކުލަ ލާން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ މާލޭގެ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރު ތަކާއި ކަފިހި ހުރަސްތަކުގައި އަލުން ކުލަ ލުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގެ ޓްރެފިކް ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން ރީނދޫ ކުލަ އާއި ކަޅުކުލަ ލުމަށް ހަމަޖެހިފައި ވަނީ އެއީ ކުރީންވެސް ހުރި ގޮތްތައް. އަޅުގަނޑުމެންނަށް ވަކި ކުލައެއް މުހިއްމެއް ނޫން. މުހިއްމީ މަސައްކަތް،" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ކައުންސިލްގެ ބަޖެޓުގައި ބާކީ ހުރި ބައިން ކަފިހި ހުރަސްތަކާއި ސްޕީޑް ބްރޭކަރުތަކުގައި ކުލަ ލުމަށް ނިންމާފައި ވަނީ ކުރީގެ ސަރުކާރުން އެތަންތަނަށް އަޅާ ނުލައި ވަރަށް ބޮޑަށް ދޫކޮށްލެވިފައި ހުރުމުން ކަމަށެވެ.
މަގުމަތީގެ ރައްކާތެރިކަމަށް އެތަންތަނުގައި ކުލަލުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ސްކޫލުތައް ހުރި ސަރަހައްދަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ތާރު މަގުތަކުގައި ހުރި ބްރޭކަރުތަކަށް އަދި ބަދަލު ނުގެންނާނެ ކަމަށެވެ.