ބޮލީވުޑް

ޕީސީ އާއި ނިކް ހޮލީވުޑްގެ ރައްޓެހިންނަށްވެސް ހަފުލާއެއް ބާއްވަނީ

މިދިޔަ ޑިސެމްބަރު އެކެއް އަދި ދޭއްގައި ކައިވެނި ކޮށް ހަތަރު ދުވަހުގެ ހަފްލާތަކަށް ފަހު ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ ނިކް ޖޯނާސް މިވަނީ އިތުރު ތިން ރިސެޕްޝަނެއް ވެސް ބާއްވާފައެވެ.

އާއިލާ އާއި ގާތް ރައްޓެހިން އަދި ބޮލީވުޑްގެ ފަރާތްތަކަށް ބޭއްވި ތިން ހަފުލާ ނިންމާލީ އެކި ދުވަހު އެކި ތަންތަނުގައި ތަފާތު ހެދުން ތަކެއްގައި ވަރަށް ކުލަ ގަަދަކޮށެވެ.

ނަމަވެސް އަދި ނިމުނީ އެއް ނޫނެވެ. މިހާރުގެ ރިޕޯޓުތައް ބުނާ ގޮތުގައި ލޮސް އެންޖެލްސްގައި ނިކް އަދި ޕީސީ އެމީހުންގެ ހޮލީވުޑްގެ ރައްޓެހީންނަށް ހާއްސަކޮށްގެން ވެސް ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހޮލީވުޑް ފިލްމު އަދި ސީރީޒް ކަމުގައިވާ "ކުއަންޓިކޯ"އިން ވިދާލާފައިވާ ޕީސީގެ ގާތް މީހުން މި ހަފްލާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެލެން ޑި ޖެނެރަސް އާއި ޑުވޭން ޖޯންސަން އަދި ކެރީ ވޮޝިންޓަން ހިމެނެއެވެ. މީގެ އިތުރުން ކުއަންޓިކޯ ސީރީޒްގެ ބަތަލުންވެސް ބައިވެރިވާނެ ކަމަށް ވެއެވެ.

ރިޕޯޓްތައް އިތުރަށް ބުނާ ގޮތުގައި ޑަޗަސް އޮފް ސުޒެކްސް މޭގަން މާކަލްއަށް ވެސް މި ހަފްލާ އަށް ވަނީ ދައުވަތު އަރުވައިފައެވެ. ޕީސީ ވަނީ މޭގަންގެ ކައިވެނީގައިވެސް ބައިވެރިވެފައެވެ.

ނިކްގެ މިއުޒިކް އިންޑަސްޓްރީގެ ގިނަ ފަންނާނުންވެސް މި ހަފްލާގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

ޕީސީ މިދުވަސްކޮޅު މަސައްކަތް ކުރަމުން އަންނަނީ ފިލްމް "ސްކައި އިސް ޕިންކް"ގަ އެވެ. ނަމަވެސް ޕީސީ އާއި ނިކް މިމަހު 28ން ޖެނުއަރީ 10އަށް ތިބޭތީ ސުވިޒަލޭންޑްގައެވެ. އެއަށްފަހު ފިލްމްގެ ބާކީ ބައި ޝޫޓް ކުރުމަށް ޕީސީ އިންޑިއާއަށް ދާނެއެވެ.

ނިކް އަދި ޕީސީގެ ހޮލީވުޑް ހަފްލާ އޮންނާނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހު ފަހުކޮޅުއެވެ.