އަހްމަދު މަހްލޫފު

އެފްއޭއެމްގެ މައްސަލައިގައި މަހުލޫފު، އޭއެފްސީގެ ރައީސްއާ ބައްދަލުކުރައްވައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާއާ ބައްދަލުކުރައްވައިފިއެވެ.

އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާންއާ ބައްދަލުކުރެއްވިކަން މަހުލޫފު ވަނީ ޓުވީޓަކުން ހާމަކުރައްވައިފައެވެ. މަހުލޫފުގެ އެ ޓުވީޓުގައި ސަލްމާންއާއެކު ނަންގަވާފައިވާ ދެ ފޮޓޯއެއް ވެސް ވަނީ އާންމުކުރައްވައިފައެވެ.

މަހުލޫފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފީފާގެ ގަވާއިދާ ހިލާފުނުވާނެ ކަމުގެ ޔަގީންކަން އޭއެފްސީގެ ރައީސަށް ދީފައިވާނެ ކަމަށާއި އަބަދުވެސް އޭއެފްސީގެ ނަސޭހަތަށް މަރުހަބާ ދަންނަވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

ފުޓުބޯޅައިގެ ކަންކަން ބަލައި، އެފްއޭއެމްއަށް ވަދެފައިވާ ފައިސާއަށް ވީނުވީއެއް ނޭނގުނު ގޮތް ހޯދުމަށް ކަމަށް ބުނެ އެކުލަވާލާފައިވާ "ފެކްޓް ފައިންޑިން" ކޮމިޓީއާ ގުޅޭގޮތުން މަހުލޫފު ވިދާޅުވީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނީ ހަމަތަކެއްގެ ތެރެއިން ކަމަށެވެ.

ޔޫތު މިނިސްޓަރު މަހުލޫފު އެކުލަވާލި ކޮމިޓީން އެފްއޭއެމްގެ އިންޓާނަލް ކަމެއް ބަލަން މަސައްކަތް ކުރުމުން އެކަމަށް އޭއެފްސީން ކުރިން ވަނީ އިންޒާރު ދީފައެވެ.

ފީފާއާއި އޭއެފްސީ އަދި ބައިނަލްއަގުވާމީ ކުޅިވަރު ގަވަނަންސް އުސޫލުތަކުގެ ތެރެއިން އެއްވެސް މެމްބަރު އެސޯސިއޭޝަނެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ބެލުމާއި އެފަދަ އެއްވެސް ކަމެއް ވިލަރެސް ކުރުމުގެ ބާރު ހަމައެކަނި ލިބެނީ ފީފާއާއި އޭއެފްސީއަށް ކަމަށް އޭއެފްސީން ބުނެފައިވެއެވެ. އަދި އެ އުސޫލުތަކުގެ ތެރެއިން ތިންވަނަ ފަރާތެއް މައްސަލައެއް ބެލުމުގައި ބައިވެރިވުން އެއީ ގަވާއިދުގެ ދަށުން ހުއްދަކުރާ ކަމަކަށްނުވާތީ އެކަމުގެ ލަފައަކަށް އޭއެފްސީގައި އެފްއޭއެމްއިން އެދުނު ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.