ކުޅިވަރު

އާޒިމް ފިޔަވައި އެހެން ފަރާތުން އެފްއޭއެމްގެ އިންތިހާބާ ގުޅޭގޮތުން މައްސަލަ ހުށަހަޅައިފައެއް ނުވޭ: މަހުލޫފް

އައިދާ އަބްދުލް ހަކީމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފިޔަވައި އިތުރު ފަރާތަކުން އެ އެސޯސިއޭޝަންގެ މައްސަލައެއް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެފްއޭއެމް އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން މިއަދު އެކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ އެފްއޭއެމްގެ އިންތިހާބުގެ މައްސަލަ އަލީ އާޒިމް ފިޔަވައި އާންމު މީހަކުވެސް އަދި ކްލަބަކުންވެސް އެއްވެސް ތަނަކަށް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ.

"އަޅުގަނޑަށް ތި މައްސަލަ ގެނެސްދެއްވީ ހަމަ ސީދާ އިއްޒަތްތެރި މެންބަރު އަލީ އާޒިމް. އެއީ މިތަނަށް މައްސަ ހުށަހެޅުމުގެ ގާތްގަނޑަކަށް ތިން ދުވަސްކުރިން. މި އިންތިހާބާއި ގުޅިގެން އެއްވެސް ޝަކުވާއެއް މައްސަލައެއް އާންމު މީހަކު ވެސް ކްލަބަކުން ވެސް، އެސޯސިއޭޝަނަށް ވެސް ސްޕޯޓްސް ކޮމިޝަނަށްވެސް އަދި ޔޫތު މިނިސްޓްރީ އަށް ވެސް ނެތޭ ހުށަހަޅާފައެއް." މަހްލޫފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެފްއޭއެމްގައި ގޯސްތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކްލަބުތަކުން އެކަންކަން ރަނގަޅުކުރަން ބޭނުން ނުވާ ނަމަ އޭނާއަށް ކުރެއްވޭނެ ކަމެއް ނެތް ކަމަށެވެ.

"އެފްއޭއެމްގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި. އެކަމަކު އަޅުގަނޑު އުޑުގަ ޖެހިފަ ބިމުގައި ޖެހުނަސް އެކަމެއް ނުވާނެ ކްލަބުތަކުން އެކަން ރަގަޅުކުރަން ބޭނުން ނުވަންޏާ" މަހްލޫފު ވިދާޅުވިއެވެ.

މި މައްސަލާގައި މަހްލޫފް ވިދާޅުވީ ކްލަބު ތަކުން ވޯޓު ދީގެން އެފްއޭމްގެ އިންތިހާބު ބާއްވައި އެކަން ފީފާއާއި އޭއެފްސީން އެ އިންތިހާބު ބަލައިގެންފައި ވަނިކޮށް އިންތިހާބު ބަލައިނުގަތުމަށް ނިންމައިފި ނަމަ ފީފާގެ ސަސްޕެންޝަނެއް ރާއްޖެއަށް އަންނާނެ ކަމަށެވެ. އެހެން ކަމުން ފުޓުބޯޅަ އަށް ގެއްލުން ވާ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓަރު ވަނީ މިއަދުގެ ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.