ގދ. ތިނަދޫ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން 300 ޓަނުގެ ފެން ޕްލާންޓެއް ބަހެއްޓުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ތިނަދޫ 150 ޓަނުގެ ފެން ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ފެނުގެ ހިދުމަތް މެދުކެނޑުމާ ގުޅޭގޮތުން ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިނަދޫގައި 300 ޓަނުގެ ފެން ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަސްތެރޭ ފެށިގެންދާނެ ކަމަށެވެ.
"ތިނަދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން 300 ޓަނުގެ ފެން ޕްލާންޓެއް ބަހައްޓައި އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ އުފާވެރި ހަބަރުވެސް ހިއްސާކުރަމެވެ..،" ފެނަކައިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ފެނަކައިން ބުނީ ތިނަދޫގައި ފެނުގެ ހިދުމަތް ދެމުންދިޔަ 150 ޓަނުގެ ފެން ޕްލާންޓަށް މިވަގުތު ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން އެރަށުގެ އެކި ހިސާބުތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރަމުންދާ ވަގުތުވެސް ރަށުގެ އެކި ހިސާބުތަކުން އެކި ވަގުތު ފެނުގެ ހިދުމަތް ކެނޑިދާނެ ކަމަށެވެ.