ޝަހީދާ އަބްދުﷲ ސައީދު
1932 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލީހުގައި ހިންގި އެންމެ ހުތުރުކަން ބޮޑު ބަޣާވާތަކީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން'' އަށް މިއަދު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ ސަރުކާރުގެ ތެރެއިން ހުށަހަޅުއްވައިގެން މަޖިލީހުގައި އެމަނިކުފާނުގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ މައްސަލައަކީ ދުސްތޫރާ ވެސް ހިލާފު އަމަލެއް ކަމަށެވެ.
''އަޅުގަނޑާ ދެކޮޅަށް މަޖިލީހުގައި ހިންގީ ފަހުގެ ތާރީހެއްގައި 1932 ގެ ފަހުން މިހާތަނަށް ހިންގި އެންމެ ހުތުރު އަދި އެންމެ ބޮޑު ބަޣާވާތޭ ދަންނަވާނީ. ރައްޔިތުން އިންތިޚާބުކޮށްފައި ހުރި ވެރިއެއްގެ މައްޗަށް އެއްވެސް ހުއްޖަތެއް ދަލީލެއް ނެތި، އަދި އެއްވެސް މަރުހަލާތަކަށް ވާސިލުނުވެ ޓިޝޫއެއް އެއްލައިލާ ގޮތަކަށް ވެރިއަކު އެއްލައެއް ނުލާ.'' ޑރ. ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ހުށަހަޅާ މައްސަލަތަކުގައި ބަލަންޖެހޭނެ މަރުހަލާތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި ފުރިހަމަ ތަހުގީގެއް ވެސް ހިންގަންޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ބަޔަކު ބޭނުންވާއިރަށް ނަގާ އެއްލައި ނުލެވޭނެ ކަމަށާއި އެމީހަކަށް ފަސް އަހަރުގެ ދައުރެއް ދޭންވާނެ ކަމަށެވެ.
އަދި މަޖިލީހުގެ ތެރެއިން ވަޒީރަކު މަގާމުން ދުރުކުރާ އުސޫލުން ނާއިބު ރައީސަކު މަގާމުން ދުރުކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި އަމަލެއް ކަމަށް ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ގައުމުގެ ވެރިޔާއާއި ނާއިބު މަގާމުން ދުރުކުރާ އުސޫލަށް ހައްލެއް ނުގެނެސްފިނަމަ މާދަމާވެސް ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަކީ ދުރުކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
1932 ވަނަ އަހަރަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް އެކުލަވާލެވުނު އަހަރެވެ.
ކުރީގެ ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ޖަމީލު މަގާމުން ދުރުކުރެއްވީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ތުހުމަތުކޮށް މަޖިލީހުގައި ނެގި ވޯޓަކުންނެވެ. ނަމަވެސް ޑރ. ޖަމީލު ތަކުރާރުކޮށް ވަނީ އެކަން ދޮގު ކުރައްވާފައެވެ.