ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
''ވަންއޮންލައިން''އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލު ވިދާޅުވީ ވިލިމާލޭ ދާއިރާއަށް ވާދަކުރައްވަން ނިންމެވީ އެދާއިރާގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމުގެ އުންމީދުގައި ކަމަށެވެ.
އަދި ރައްޔިތުންނާ ގާތުން ސިޔާސީ މަސައްކަތް ކުރެވޭނެ އެއް މާހައުލަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މީގެއިތުރުން ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ވިލިމާލޭ ރައްޔިތުންނަށް ޒަމާނީ ތަރައްގީން ހައްގުވާ މިންވަރު ހޯދައިދޭން ޖެހޭ ކަމަށެވެ.
އަދި އެމަސައްކަތް ފެށުން މާބޮޑަށް ލަސްވެއްޖެ ކަމަށް ވެސް ޖަމީލު ކުރެއްވި ޓުވީޓުގައި ވެއެވެ.
ކުރީގެ ރައީސް މައުމޫނާއި، ރައީސް ނަޝީދު އާއި ރައީސް ވަހީދުގެ ސަރުކާރުގައި ސަރުކާރުގެ އިސް މަގާމުތައް ޖަމީލު އަދާކުރައްވާފައިވެއެވެ.
މީގެއިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސަކީ ޑރ. ޖަމީލެވެ. އަދި ޑރ. ޖަމީލަކީ އެދުވަސްވަރު ގައުމުން ބޭރުގައި އުފެއްދި އިދިކޮޅު އިއްތިހާދުގެ އެންމެ އިސްކޮށް ހުންނެވި ލީޑަރުވެސްމެއެވެ.