ފެޝަން

އަންނަ އަހަރު މަގުބޫލުކަން ހޯދާނެ ކަމަަށް ބެލެވޭ ބޫޓުތަކުގެ ޓްރެންޑްތައް

މިންހާ ފާއިޒް ރަޝާދު

ކިތަންމެ ރީތި ހެދުމެއް ލީ ކަމުގައި ވިއަސް އެއާ އެކީ އަރާ ބޫޓުންމުޅި ހެދުމުގެ ލުކް ބަދަލު ކޮށްލައެވެ. އެހެން ކަމުން ހެދުމަށް އިސްކަން ދޭ ގޮތަށް އެއާ އެކު އަރާ ބޫޓަށްވެސް ސަމާލުކަން ދިނުން މުހިއްމެވެ.

މި އާޓިކަލްގައި 2019 ވަނަ އަހަރު އެންމެ ހިނގާނެ ކަމަށް ބެލެވޭ ޝޫ ޓްރެންޑްސްތައް ހިއްސާ ކޮށްލާނަމެވެ.

އެނިމަލް ޕްރިންޓް

އާންމުކޮށް ފެންނަ ލެޕާޑް އަދި ޗީތާ ޕްރިންޓްސް އެންމެ މަގްބޫލު ވާނެ ކަމަށް ބެލެވޭއިރު، ތަފާތު ކޮށްލުމަށް "ކައު" (ގެރި) ޕްރިންޓް ޖަހާފައި ހުންނަ ބޫޓުވެސް ބޭނުންކޮށްލެވޭނެ އެވެ. މި ޕްރިންޓް ފެނިގެން ގޮސްފައިވަނީ ބާބެރީ ބްރޭންޑް ގެ ރަންވޭ ޝޯގައެވެ.

ލުސީޓް ހީލްސް
މިއަހަރު މަގުބޫލުކަން ހޯދި ސޮލިޑް ހީލްސް ގެއްލި އަންނަ އަހަރު ޓްރާންސްޕޭރަންޓް "ލުސީޓް" ހީލްސް އާންމުވެގެން ދާނެ ކަމަށް ބެލެވެއެވެ. ޗެނަލް ސްޕްރިންގް 2019 ރަންވޭ ޝޯގައި، މޮޑެލުން ލާފައި ތިބީ މުޅިންހެން މި ވައްތަރުގެ ހީލްސް އެވެ. އޭގެން މުޅި ލުކް ތާޒާ ކަމަށް ފެނިގެން ދެއެވެ.

ޓީވާ ލައިކް ސެންޑަލްސް
މި ވައްތަރުގެ ފައިވާން ގިނަ ބަޔަކަށް ކަމު ނުދިޔަ ކަމުގައި ވިއަސް މި ފައިވާނަކީ ފަޔަށް ފަސޭހަ ފައިވާނެއް ކަމުން އަންނަ އަހަރު މި ޓްރެންޑް ފެނިގެން ދާނެ ކަމަށް ބެލެވެއެވެ. ކޮލީނާ ސްޓްރަޑާގެ ރަންވޭ ޝޯގައި ވެސް މޮޑެލުން ފެނިގެން ދިޔައީ ޓީވާ ފައިވާނުގައެވެ.

ހޮޓް ކޮރަލް
ސްޕްރިންގް ސަމާ ކެޓް ވޯކް ތަކުގައި ސަލްމަން ކުލައިގެ ބޫޓުތައް ވަނީ ވަރަށް ގިނައިން ފެނިގެން ގޮސްފައެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި ޕެންޓަންގެ "ލިވިން ކޮރަލް" ވެގެން ދާނީ 2019 ގެ ކުލައަށެވެ.

ހައި ހީލްޑް ކޮމްބެޓް ބޫޓްސް
ރާއްޖޭގެ މަހައުލާ ނުގުޅުނަސް ކޮމްބެޓް ބޫޓަކީ ބޭރު ގައުމުތަކުގައި ދިރިއުޅޭނަމަ ވޯރޑްރޯބް ސްޓޭޕަލްއެކެވެ. މިއީ އެތައް ޒަމާނެއް ވަންދެންވެސް ގެންގުޅެވޭ އެއްޗެއް ކަމުންނާއި ގިނަ ވައްތަރުގެ ހެދުންތަކާއި ގިނަ ސީޒަން ތަކުގައިވެސް ބޭނުން ކުރެވޭ ބޫޓެކެވެ. ނަމަވެސް 2019 ގައި ކޮމްބެޓް ބޫޓްސް ފެނިގެން ދާނީ އުސްކޮށް ހީލް އަކާވެސް އެކުއެވެ.

ފްލިޕް ފްލޮޕް
ދިވެހިން އާންމުކޮށް ކިޔާ ގޮތުންނަމަ ފެންފައިވާން ސްޓައިލް ވެގެން ދާނީ އަންނަ އަހަރުގެ މަގުބޫލު ޓްރެންޑަކަށެވެ. ފަޔަށް ފަސޭހަ ކެޝުއަލްކޮށް އަރައިލެވޭ މި ފްލިޕް ފްލޮޕް ފައިވާން ވަނީ އެޓްރޯ ރަންވޭގައިވެސް ފެނިގެން ގޮސްފައެވެ. ބޮޑަށް ބެލެވެނީ މި ސްޓައިލުގެ ތަފާތު ޑިޒައިންތައް ހާއްސަކޮށް ހޫނު މޫސުމުގައި މަގުބޫލުކަން ހޯދާނެކަމަށެވެ.

ސްކޮޔާ ޓޯޑް ޝޫޒް
2018 ގައި މަގްބޫލުކަން ހޯދި ޕޮއިންޓީ ބޫޓުތައް ނެތި ގޮސް އަންނަ އަހަރު ބޮޑަށް ފެނިގެން ދާނީ ހަތަރެސްކަން ޝޭޕަށް ހުންނަ ބޫޓުތަކެވެ. ފެންޑީ ރަންވޭގައި މޮޑެލްތައް ވަނީ ހޮޓް ޕިންކް ކުލައިގެ ހަތަރެސްކަން ބޫޓުތަކުގައި ފެނިގެން ގޮސްފައެވެ.

ސީފޯމް ގްރީން އަދި ކޮބަލްޓް ބްލޫ
ތަފާތު ކުލަތައް ކަމުގައިވާ ސީފޯމް ނޫނީ މިންޓް ފެހި ކުލަ ވަނީ ކެރޮލީނާ ހެރޭރާގެ ރަންވޭގައި ފެނިގެން ގޮސްފައެވެ. ހަމަ އެއާއެކު މާރކް ޖެކޯރބްސްގެ ރަންވޭގައި ވަނީ ކޮބަލްޓް ބްލޫ ކުލައިގެ ހީލްސް ފެނިގެން ގޮސްފައެވެ. މި ކުލަ ވަނީ އެހެން ރަންވޭތަކުގައި ވެސް ފެނިގެން ގޮސްފައެވެ. އެހެން ކަމުން ބެލެވެނީ 2019 ވާނީ މިކަހަލަ ތަފާތު ކުލަތައް އީޖާދު ކުރާ އަދި ހެދުމަށްވުރެ ބޫޓުގެ ކުލައަށް މީހުން ސަމާލުކަން ދޭނެ އަހަރަކަށެެވެ. ފޯކަލް ޕޮއިންޓަކަށް ވާނީ ބޫޓެވެ.

ބްރައިޓް ޓެކްސްޓައިލްސް
އަންނަ އަހަރުގެ މަގުބޫލުކަން ދެން ހޯދާނެ ކަމަށް ބެލެވެނީ ފޮއްޗާއި ޓެކްސްޓައިލްސް އިން ހަދާފައި ހުންނަ ބޫޓެވެ. މައިކަލް ކޯރސްގެ ރަންވޭގައި ފެނިގެން ގޮސްފައިވާ ގޮތަށް ގޭގައި ހުންނަ ރަގްސް ނިވަތަ ކާޓަންސް ތަކުގައި ހުންނަ ޑިޒައިންތައް ބޫޓާއި ފައިވާން ތަކުން ފެނިގެން ދާނެއެވެ.