ބޮލީވުޑް

ޒީރޯ ރިލީސް ކުރުމާ އެކު އިންޓަނެޓުގައި ލީކް ކޮށްލައިފި

ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާންގެ ފިލްމް ޒީރޯ އަކީ މިއަހަރު ގިނަ ބަޔަކު އެއަށް އިންތިޒާރު ކުރަމުން ދިޔަ ފިލްމެވެ.

ތިނެސްކަން ލޯބީގެ މައްޗަށް ހަދާފައިވާ މި ފިލްމުގައި މަގުބޫލު ބަތަލުން ކަމަށްވާ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރުމާވެސް ލީޑް ރޯލުން ފެނިގެން ދެއެވެ. ނަމަވެސް އެއީ އާންމުކޮށް ފެންނަ ކަހަަލަ ތިނެސްކަން ލޯބީގެ ފިލްމެއް ނޫނެވެ. މި ފިލްމުގައި ޝާހު ފެނިގެން ދަނީ އިސްކޮޅުން އާދަޔާ ޚިލާފަށް ކުރު މީހެއްގެ ގޮތުގައެވެ. ފިލްމުގައި ކެޓްރީނާ އަކީ ބޮލީވުޑްގެ މަގުބޫލު ބަތަލާއެކެވެ. އަދި އަނުޝްކާ އަކީ ނާސާގައި މަސައްކަތްކުރާ ސައިންޓެސްޓެކެވެ. ނަމަވެސް އޭނާ މި ފިލްމުގައި ފެނިގެން ދަނީ ނުކުޅެދޭ މީހެއްގެ ގޮތުގައެވެ.

އިއްޔެ މި ފިލްމު ރިލީސް ކޮށްފައިވާއިރު ހާއްސަ ސްކްރީނިންއެއް ވަނީ ދައްކައިލައިފައެވެ. ފިލްމު ބެލުމަށް ގިނަ ބަޔަކު އިންތިޒާރު ކުރި ކަމުގައި ވިއަސް ހީކުރި ވަރަށް ވުރެ ފިލްމުގެ އެޑްވާންސް ބުކިން މަދު ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަ އެއާ އެކު ފިލްމު އިންޓަނެޓުގައި ވެސް ލީކުކޮށްލައިފި ކަމުގެ ހަބަރުތައް މިހާރު ވަނީ ފެތުރިފައެވެ.

މީގެ އިތުރުން ފޭކް ޓުވިޓާ އެކައުންޓްތައް މެދުވެރިކޮށް ފިލްމުގެ އެކި އެކި ބައިތައްވެސް ދަނީ ލީކް ކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ. ގިނަ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ މާކެޓިން ސްޓްރެޓަޖީ ރަނގަޅު ކަމުގައި ވިއަސް މި ފިލްމު މިއަަހަރުގެ އެންމެ މަގުބޫލު ފިލްމަށް ނުވުމުގެ ފުރުސަތު ބޮޑެެވެ.

އިންޑިއާގައި ފިލްމުތަކުގެ ޕައިރަސީ އަކީ ވަރަށް ބޮޑު މައްސަލައެކެވެ. މީގެ ކުރީންވެސް ގިނަ ފިލްމުތަކެއް ވަނީ މިގޮތަށް ލީކުކޮށްލައިފައެވެ. މިއަހަރުގެ މިހާތަނަށް މިގޮތަށް ލީކް ކޮށްލި މަގުބޫލު ފިލްމުތަކުގެ ތެރޭގައި 'ތަގްސް އޮފް ހިންދުސްތާން'، އަކްޝޭ ކުމާރު އަދި ރަޖްނީކާންތްގެ '2.0' ހިމެނެއެވެ.