ވިލިމާލެ

ވިލިމާލެއިން އޮޔާދިޔަ ދެ މީހަކު ސަލާމަތް ކޮށްފި

ވިލިމާލޭގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ މީހަކު ސަލާމަތް ކޮށްފިއެވެ.

ވިލިމާލެ ކެފޭތައް ހުންނަ ބީޗާ ދިމާލުގައި ހުއްޓައި ދުވުންތެރިޔާ އަހުމަދު އާތިފަށް ވަނީ އެމަންޒަރު ފެނިފައެވެ. އެކަމާ ގުޅޭގޮތުން އާތިފް ކުރި ޓްވީޓެއްގައި ބުނީ އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އެ ސަރަހައްދުގައި ރާޅު އުފެދިފައިވާ ކަމަށެވެ.

އާތިފް ބުނީ ފެރީއެއް ހުއްޓިފައި އޮތް މަންޒަރު ފެނިގެން ބަލާލިއިރު، ދެ މީހަކު އޮޔާ ގޮސްގެން އެ މީހުން ނަގަން އެ ފެރީން މަސައްކަތް ކުރަނީ ކަމަށެވެ. ނަމަވެސް އެ ފެރީއަށް އެ ދެ މީހުން ނުނެގިގެން އެ މީހުން ސަލާމަތް ކުރީ ކުޑަ ދޯންޏަކަށް ގުޅައިގެން އެމީހުން އައިސް ކަމަށް އާތިފް ބުންޏެވެ.

ބައެއް ދުވަސް ދުވަހު ސްނޯކްލިން ކުރަން އުޅޭއިރު ވަރުގަދަ އޮޔެއް އެ ސަރަހައްދުގައި ހުންނަކަން ފާހަގަކުރެވޭ ކަމަށް ވެސް އާތިފް ބުންޏެވެ.

އޭނާ ބުނީ ދިޔަވަރު ބޮޑުއިރު އެ ސަރަހައްދު މޫދުން ބޭރަށްދިޔުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ޚާއްސަކޮށް ކުޑަކުދިންނާއެކު އެ ސަރަހައްދު މޫދުން ބޭރަށް ދިޔުމުގެ ނުރައްކާތެރިކަން އޭނާ ފާހަގަކުރިއެވެ.

އެ ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރިއުޅޭ ސަރަހައްދަކަށްވާތީ، އެ ސަރަހައްދުގައި ލައިފް ގާޑުން ބޭތިއްބުމަކީ މުހިންމު ކަމެއް ކަމަށް އާތިފް ބުންޏެވެ.